ޚަބަރު

ވައިރަހާއި ގުޅިގެން ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރާނާވައިރަސްއާ ގުޅިގެން، ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް އާމްދަނީ ނުލިބިދާނެތީ، ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ހުރިހާ މުއައްސަސާތަކަށް މިއަދު އަންގައިފި އެވެ. އެކަމަކު، މީގެ ތެރޭގައި ލޯކަލް ކައުންސިލްތަކެއް ނުހިމެނެ އެވެ.

Ads by STELCO

މިއަދުން ފެށިގެން އަމަލު ކުރުމަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި ނެރުއްވާފައިވާ ސާކިއުލާގައި މައިގަނޑު ފަސް ދިމާއަކުން ހަރަދު ކުޑަކުރުމަށް އަންގަވާފައި ވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މުވައްޒަފުންނަށް ކުރާ ހަރަދުތަކާއި ކެޕިޓަލް ހަރަދުތަކާއި ދަތުރުފަތުރުގެ ހަރަދުތަކާއި އިދާރީ ހިންގުމުގެ ހަރަދުތަކާއި މަރާމާތާއި ބެލެހެއްޓުމުގެ ހަރަދުތަކެވެ.

ސާކިއުލާގައި ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަސްއާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރަމުން ދާތީ އޭގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ވެސް ކުރުން އެކަށީގެން ވާ ކަމަށެވެ.

މުވައްޒަފުންނަށް ކުރާ ހަރަދުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އެއްވެސް އާ މަގާމެއް ނުއުފެއްދުމާއި ޕޭ-ރިވިއު ބޯޑުން ދިރާސާ ކުރުމަށް ފަހު ފިނޭންސްގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމާއި ބަޖެޓްގައި ހިމަނާފައިވީ ނަމަވެސް މިހާރު ދޭން ފަށާފައި ނުވާ އާ އެއްވެސް އެލަވަންސެއް މި އަހަރުގެ ތެރޭގައި ދޭން ނުފެށުމަށް ސާކިއުލާގައި ބުނެފައިވެއެވެ.

އަދި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ރާއްޖެ އިން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި ރަށްރަށަށް ކުރާ ދަތުރުތަކުގައި އެންމެ ހަރަދު ކުޑަވާނެ ގޮތަކަށް އިންތިޒާމް ހަމަޖެއްސުމާއި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އެކިއެކި ފެއާތަކާއި ސްޓަޑީ ޓުއާތަކާއި ކުރު މުއްދަތުގެ ތަމްރީން ކޯސްތަކުގެ ދަތުރުތައް ހުއްޓާލުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ވީއައިޕީ ލައުންޖްގެ ހިދުމަތަށް ކުރާ ހަރަދުތައް ވެސް އެންމެ ކުޑަަވާނެ ގޮތަކަށް އިންތިޒާމު ކުރުން ހިމެނެ އެވެ.

މަރާމާތާއި ބެލެހެއްޓުމުގެ ހަރަދުގެ ތެރެއިން، މިހާރު ފަށާފައިވާ މަރާމާތުތަކުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ފިޔަވައި އިތުރު މަރާމާތެއް ނުކުރުމާއި، އެފަދަ ކަމަކަށް 35،000ރ. އަށް ވުރެ ބޮޑު ހަރަދެއް ކުރަން ޖެހޭ ނަމަ އެކަން އެ ދާއިރާއެއްގެ އެންމެ އިސްވެރިޔާގެ ހުއްދަ އާ އެކު ފިނޭންސަށް ހުށަހެޅުމަށް ސާކިއުލާގައި ވެ އެވެ.

ސަރުކާރުގެ އޮފީސްތަކުގެ އިތުރުގަޑީގައި މަސައްކަތް ކުރަން ނުޖެހޭ ގޮތަށް އޮފީސްތައް އަވަހަށް ބަންދު ކުރުމަށާއި ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް ފިޔަވައި ދައުލަތުން ހަރަދުކޮށްގެން އެއްވެސް މުނާސަބާއެއް ފާހަގަ ކުރާ ނަމަ ފިނޭންސުން ލިޔުމަކުން ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވެސް ސާކިއުލާގައި ވެ އެވެ.

އަދި ކެޕިޓަލް ހަރަދުތަކުގެ ތެރެއިން ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދުތައް ފިޔަވައި ކޮންމެހެން ކުރަން ޖެހޭ ކެޕިޓަލް ހަރަދެއް ނޫނީ ނުކުރުމަށާއި އެގޮތުން 35،000ރ. އަށް ވުރެ ބޮޑު ނަމަ އެ ހުއްދައެއް ފިނޭންސް މިނިސްޓްރީން ލިޔުމަކުން ހޯދަން ޖެހޭނެ ކަމަށް ވެސް ސާކިއުލާގައި ވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!