އޭޝިއާ

ތާލިބާނުން ބޭނުން ވަނީ ސަރުކާރުގައި އަންހެނުންގެ ދައުރު ބޮޑު ކުރަން، ހުރިހާ އެންމެނަށް މަޢާފްކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އަފްގާނިސްތާނުގައި ތާލިބާނުން އެކުލަވާލަމުންދާ ސަރުކާރާ ގުޅުމަށް ފިރިހެނުންނެކޭ އެއްފަދައިން އަންހެން ކަނބަލުންނަށް ވެސް ތާލިބާނުން ދައުވަތު ދީފިއެވެ.

އަފްގާނިސްތާނު ދޫކޮށް، ބޭރުގެ އެހެން ޤައުމުތަކަށް ދިއުމަށް އެތައް ބަޔަކު އެއަރޕޯޓްތަކަށް އެއްވެފައިވާ މި ދަނޑިވަޅުގައި އަފްގާނިސްތާނުން ބުނެފައި ވަނީ، އަފްގާނިސްތާނުން އެންމެނަށް މަޢާފްކޮށްފައިވާ ކަމަށާއި އަދި ސިޔާސީ ގޮތުން ޚިޔާލު ތަފާތު މީހުންނަށް އަފުއާމް އިއުލާން ކުރާ ކަމަށެވެ.

އަފްގާނިސްތާނުގައި އެމެރިކާ ސިފައިން ތިބި ދުވަސްވަރު އެ މީހުންނަށް ވާގިވެރިވި މީހުން، އާއިލާތަކާއެކު އަފްގާނިސްތާނުން ފޭބުމުގެ މަސައްކަތްތައްދަނީ ކުރަމުންނެވެ. އެމެރިކާ އަދި ބައެއް ޤައުމުތަކުން، އަފްގާނުގައި ތިބި އެ ޤައުމުތަކުގެ މީހުން ބޭލުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ދަނީ ކުރިޔަށް ގެންދަމުންނެވެ.

ތާލިބާނުން މިހާރު ވެރިރަށް ކާބުލް ހިފައިފައިވާއިރު، އެ ޖަމާއަތުން ބުނީ ވެރިކަން ކުރުމުގެ އޮނިގަނޑު ކަނޑައަޅާނީ ބޭރުގެ ބާރުތައް އެ ޤައުމު ދޫކޮށް ދިއުމުން ކަމަށެވެ.

އަފްގާނިސްތާނުގައި ތިބި ގައުމުން ބޭރުގެ ޑިޕްލޮމޭޓުންނާއި އަދި ހުޅަނގުގެ ގައުމުތަކަށް ނިސްބަތްވާ މީހުންގެ އިތުރުން، އެމެރިކާއިން ވިސާ ހަމަަޖައްސަދީފައިވާ އަފްގާން ރައްޔިތުން މިހާރު ވެސް އެމެރިކާއިންނާއި އަދި އިނގިރޭސިވިލާތުން ވެސް ދަނީ އެގައުމުން ބޭރަށް އަސްކަރީ މަތިންދާ ބޯޓުތަކުގައި ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. އިއްޔެ ކާބުލްގެ އެއަރޕޯޓް ފުރި ބާރުވެ، ރަންވޭ މައްޗަށް ވެސް މީހުން ޖަމާވެފައި ތިއްބެވެ. އެމެރިކާއިން ބުނެފައި ވަނިީ ކާބުލް އެއަރޕޯޓު މިހާރު ވަނީ އެމެރިކާ ސިފައިންގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!