ކިޔައިވައިދޭން ފެށިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްފަހުން ފޮތްތައް ލިބިއްޖެ

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށި ހަފްތާއަކަށް ވުރެ ގިނަ ދުވަސްފަހުން ހަމަ ނުވެ ހުރި ފޮތްތައް އެޑިޔުކޭޝަން މިނިސްޓްރީއަށް ލިބިއްޖެއެވެ.
އެ މިނިސްޓްރީން މިއަދު ބުނެފައިވާގޮތުގައި މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައި ނުވާ ފޮތްތައް މިހާރު ވަނީ މިނިސްޓްރީއަށް ލިބިފައެވެ. އަދި އެ ފޮތްތައް ސުކޫލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު އެ މިނިސްޓްރީން ދަނީ ކުރަމުންނެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ބައެއް ގްރޭޑްތަކުގެ ފޮތްތަކުގެ ހާޑް ކޮޕީ ލިބިފަައި ނުވި ނަމަވެސް އެ ފޮތްތަކުގެ ސޮފްޓް ކޮޕީ ދަރިވަރުންނަށް ފޯރުކޮށްދީފައިވާ ކަމަށާއި ފޮތްތައް ހަމަ ނުވި ނަމަވެސް ފިލާވަޅުތައް ނުގެއްލޭނެކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ ފޮތްތައް ގެންނަނީ ރާއްޖޭން ބޭރުން ކަމަށާއި ފޮތްތައް ލިބުން ލަސްވީ ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދިމާވި ދަތިތަކެއްގެ ސަބަބުން ކަމަށެވެ. މިއަހަރު ފޮތްތައް ދޫކުރުން ދެ ގޮތަކަށް ކުރިއަށް ގެންދާނެކަމަށާއި ބައެއް ގްރޭޑްތަކުގެ ދަރިވަރުން އެއްކޮށް ވެސް ކިޔަވާނީ ޑިޖިޓަލައިޒް ފޮތްތަކުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.