ދުނިޔެ

ލީކްވި ވީޑިއޯތަކާ ގުޅިގެން އީރާން ޖަލުތަކުގެ ވެރިޔާ މައާފަށް އެދިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ލީކްވެފައިވާ ވީޑިއޯގެ މަންޒަރެއް/ ފޮޓޯ ބީބީޞީ

އީރާންގެ ވެރިރަށް ތެހެރާންގެ އެވިން ޖަލުގައި ގައިދީންތަކަށް ލާއިންސާނީ އަނިޔާކުރާ ވީޑިއޯތަކެއް ލީކުވުމާ އެކު އެގައުމުގެ ޕްރިޒަން އޯގަނައިޒޭޝަންގެ ވެރިޔާ މައާފަށް އެދިވަޑައިގަންނަވައިފިއެވެ.

Ads by Sosun Fihaara

އީރާންގެ ޕްރިޒަން އޯގަނައިޒޭޝަންގެ ޗީފް މުހައްމަދު މެހްދީ ހައްޖު މުހައްމަދީ ވަނީ ހިނގައިދިޔަ ކަންކަމުގެ ޒިންމާ ނަންގަވައި އެއީ ގަބޫލު ކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

"ހިނގައި ދިޔަ ކަންތައްތަކުގެ ޒިންމާ ފުރިހަމައަށް ނަގަން. މިފަދަ ކަންކަން ހުއްޓުވުމަށް ކުރެވެން ހުރިި ހުރިހާކަމެއް ކުރާނަން. މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އިހުމާލުވި ފަރާތްތަކާ މެދު ސީރިއަސް ފިޔަވަޅު އަޅާނަން" ޖަލުތަކުގެ ވެރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިއެވެ.

ހެކަރުން ލީކުކޮށްލައިފައި ވަނީ ޖަލުތަކުގެ ސީސީޓީވީ ފުޓޭޖްތަކެކެވެ. މި ވީޑިއޯތަކުގައި ޖަލުގެ ގާޑުން އެތަނުގައި ތިބި ގައިދީންނަށް އަނިޔާކޮށް ބިންމަތީ ދަމައިފައިވާތަން ފެނެއެވެ.

މިޖަލުގައި ގިނަ އަދަދެއްގެ ސިޔާސީ ކުށްވެރިންނާއި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ ގައިދީން ތިބިކަމަށް ވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ.

އެވިން ޖަލުގެ ސީސީޓީވީ ފުޓޭޖްތައް ލީކުކޮށްލައިފައި ވަނީ އަދާލަތު އެ އަލީ ގެ ނަމުގައިވާ ހެކަރުންގެ ގުރޫޕަކުންނެވެ. މި ވީޑިއޯގައި ގައިދީއެއްގެ އަތުގައި ބިޑިއެޅުވުމަށް ފަހު ގާޑުން އެގައިދީއަށް އަނިޔާ ކުރާ މަންޒަރު ފެންނަ ކަމަށް ވެސް ހަބަރުތައް ބުނެއެވެ. އިތުރު ވީޑިއޯއެއްގައި އުމުރުން ދުވަސްވެފައިވާ ގައިދީއަކު ބިންމަތީގައި ދަމައިފައި ގެންދާތަން ފެންނަކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ލީކްވެފައިވާ އިތުރު ވީޑިއޯއަކުން ފެންނަނީ އެވިން ޖަލުގެ ކޮންޓްރޯލް ރޫމްގެތެރެއެވެ. އެތާންގައި ހުރި ބައެއް ޓީވީތަކަށް ސައިބަރ އެޓޭކުގެ މެސެޖު އަރާފައިވާތަން ވެސް ފެނެއެވެ.

މިވީޑިއޯތަކުގެ މައްސަލައިގައި ޕްރިޒަން އޯގަނައިޒޭޝަންގެ ޗީފް މުހައްމަދު މެހްދީ ހައްޖު މުހައްމަދީ ވަނީ އެގައުމުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ހާމަނާއިއާއި އެގައުމުގެ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!