ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން ހެޔޮ ނުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން އާއްމުކުރި ވީޑިއޯ މެސެޖެއްގައެވެ. މިމެސެޖުގައި ގާސިމް ވިދާޅުވީ އެ ހާލަތުގައި ހުރިހާ އެއްޗެއް އަޅާލާނީ އެއް ޖީބަކަށް ކަމަށެވެ.
ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީގެ ފަރާތުން ޕެޓިޝަނެއްގައި ސޮއިކުރަމުން ގެންދާ މިދަނޑިވަޅުގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެއް ޕާޓީގެ ލީޑަރ ގާސިމް ވިދާޅުވީ އެ ނިޒާމުގައި ދައުލަތް ހިނގުމުގައި ވަރަށް ގިނަ ހަރަދުތައް ހިނގާނެކަމަށެވެ.
ގާސިމް ވިދާޅުވިގޮތުގައި ބަރުލަމާނީ ނިޒާމް ގެންނަން އުޅެނީ ރައީސް ނަޝީދުގެ ސަޕޯޓަރުން އެމަނިކުފާނު ބޭނުންފުޅުވެގެންނެވެ. އެހެން ނަމަވެސް މި ނިޒާމަކީ މިހާ ކުޑަކުޑަ ގައުމެއްގައި ކުރުން ބޭކާރު ހަރަދެއް ކަމަށާއި ރަމްޒީ މަގާމެއްގައި ހުންނަވާ ރައީސަށް ވެސް ބޮޑު ހަރަދެއް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގޮތުގައި 600 މީހުންގެ ދާއިރާއަކުން ހޮވިގެން މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ރައީސަކަށް ހޮވުމުން ގައުމުގެ ބޮޑުވަޒީރަށް ވެވިދާނެ ކަމަށާއި ރައީސަކަށްވުމަށް ޓަކައި ވާން ޖެހޭ ވައުދެއް އަދި ކުރަން ޖެހޭނެ ކަމެއްވެސް ނެތް ކަމަށެވެ.
"ވެރިއަކަށް ގައުމުގައި ހުންނަ މީހާ 1،000 މީހުން 2،000 މީހުން ތިބޭ ދާއިރާއަކުން ރައްޔިތުންގެ މަޖިލީހަށް ހޮވުނީމާ އޭނާގެ ކަންތައް އެ ނިމުނީ. އޭނާ އެ ހުރީ ގައުމުގެ ރައީސަކަށް. އެ ހިސާބުން ރައްޔިތުންގެ ކުރިމަތީގައި އޭނާ ވާން ޖެހޭ ވައުދެއް ވެސް ނެތް. ކުރަން ޖެހޭނެ ކަމެއް ވެސް ނެތް."ޤާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމުގައި ކެބިނެޓުގައި ތިއްބަވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކަމަށެވެ. އެހެންކަމުން މަޖިލީހުން މުސާރަ ނަންގަވާ އަދި މިނިސްޓަރު ކަމުގެ މުސާރަ ވެސް ނަންގަވާނީ އެއްބައެއް ކަމަށެވެ.