ޚަބަރު

ޓީއެމްއޭއަށް ބޮޑު ފައިދާއެއް ވާ ގޮތަށް ޓާމިނަލުން ބޮޑު ބައެއް ދެނީ

ދެން އެމްވީ

ޓީއެމްއޭއަށް މިހާރު ވެސް ބޭނުން ކުރާ ވަރުގެ ސަރަހައްދެއް އާ ސީޕްލޭން ޓަމިނަލުން ދޭން ނިންމައިފިއެވެ.

މިއަދު ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އާ ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ޓީއެމްއޭން މިހާރު ދެމުންދާ ހިދުމަތް ދިނުމަށް، މިހާރު ބޭނުން ކުރަމުންދާ ޓާމިނަލާ އެއްވަރުގެ ޖާގައެއް އާ ސީޕްލޭން ޓާމިނަލުން ހަމަޖެއްސުމަކީ އިންސާފުވެރި ގޮތެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އޮޑިޓުގައި އެގޮތަށް ބުނެފައި ވަނީ އެ ޓާމިނަލަކީ ޓީއެމްއޭން އަމިއްލައަށް އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލެއް ކަމުން، ރިލޮކޭޓްކުރަން އިތުރު ހަރަދުތަކެއް ހިނގާނެތީ ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޓީއެމްއޭ އިން އަމިއްލައަށް ހަދައިގެން ހިންގަމުން އަންނަ 16،222 އަކަމީޓަރުގެ ޓާމިނަލަށް އެމްއޭސީއެލަށް ދެމުން އަންނަނީ އަކަމީޓަރަކަށް 10.35 ޑޮލަރެވެ. މިއަދު ސަރުކާރުން ވަނީ އާ ސިޕްލޭނުން 16،222 އަކަމީޓަރު ދޭން ނިންމާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ތަރައްގީ ކުރަމުން ގެންދާ ސީޕްލޭން ޓާމިނަލްއަކީ ސަރުކާރުން ގެރެންޓީ ދީގެން ތަރައްގީކުރާ ތަނެއް ކަމަށެވެ. އަދި މި މަޝްރޫއަކީ އެއާޕޯޓުގެ ޓްރެފިކް މެނޭޖު ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މަޝްރޫއެއް ކަމަށާއި ސީޕްލޭން އޮޕަރޭޓް ކުރާ ކުންފުނިތަކަކީ ޓުއަރިޒަމް ދެމެހެއްޓުމުގައި މުހިންމު ބައެއް ކަމަށްވާއިރު، ސީޕްލޭން އޮޕަރޭޓަރުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ހުރިހާ ކުންފުނިތަކަށް ބޭނުންކުރެވޭ ގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

ސީޕްލޭންގެ ލައުންޖް ދޫކުރުމަށް ސަރުކާރުން ނިންމާފައި ގޮތް:

  • ޓީއެމްއޭއަށް މިހާރު އޮޕަރޭޓް ކުރަމުން ދާ ލައުންޖުގެ ޖާގައިގެ ބޮޑުމިނާއި އެއްވަރުގެ ޖާގައެއް ދެ އަހަރު ދުވަހަށް ދިނުން
  • މަންޓާ އެއާ އަށް އެ ފަރާތުން މިހާރުގެ އޮޕަރޭޝަނަށް އެކަށީގެންވާ ލައުންޖުގެ ޖާގަ މިހާރު ވެސް ހިފާފައިވާ ރޭޓަރުގައި ދެ އަހަރަށް ކުއްޔަށް ދިނުން
  • އައިލެންޑް އޭވިއޭޝަނުން މިހާރު ބޭނުންކުރަމުންދާ ސީޕްލޭންގެ ޖާގަ ކުރިއަށް އޮތްތަނުގައިވެސް އެފަރާތަށް ބޭނުން ކުރުމަށް ހަމަޖެހިފައިވާތީ އެފަރާތަށް އެކަން ކުރިއަށް ގެންދޭވެނެ ގޮތަށް މަގުފަހިކުރުން.
  • ބާކީ އޮތް ޖާގަ، އެމްއޭސީއެލް އިން ޓެންޑަރަށް ހުޅުވާލުން
  • ދެ އަހަރުގެ މުއްދަތުގެ ތެރޭގައި އާ ސީޕްލޭން ޓާމިނަލް ފުލް އޮޕަރޭޝަން އެމްއޭސީއެލް އިން ނެގުން،
  • އިންޑަސްޓްރީގެ އިތުބާރާއެކު ހިންގޭނެ ގޮތަށް ޕްލޭން އެކުލަވާލުން

އަލަށް ބިނާކުރަމުންދާ ސީޕްލޭން ޓާމިނަލަކީ 26 މިލިއަން ޑޮލަރު ހަރަދުކުރެވިގެން އިމާރާތްކުރެވޭ ތަނެކެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވޭނެ ކަމަށް އެމްއޭސީލުން ބުނާ އާ ސީޕްލޭން ޓާމިނަލަކީ 28،000 އަކަ މީޓަރުގެ ސީޕްލޭން ޓާމިނަލެކެވެ. 1 ފަންގިފިލާގެ 120 އަކަމީޓަރުގެ ވީއައިޕީ އިމާރާތެއް މި ސީ ޕްލޭން ޓާމިނަލްގައި ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!