ޚަބަރު

ޔާމީންގެ ސަރުކާރުން ކުއްލި ނުރައްކާ ހިންގި މައްސަަލަ ބަލަން ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެބްރުއަރީ 5، 2018 ގައި ކުއްލިނުރައްކަލުގެ ހާލަތު ނެރެ ގާނޫނު އަސާސީއާ ހިލާފު އަމަލުތައް ހިންގި މައްސަލަ ބަލައި އިންސާފުވެރި ފިޔަވަޅުތަކެއް އަޅައިދިނުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު އެންމެ ފުރަމަ ހައްޔަރު ކުރީ ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އޭގެފަހުން އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރިއެވެ. އަދި ހަމަ އެ ހާލަތުގައި އެތަކެއް ސިޔާސީ ފަރާތްތަކެއް ހައްޔަރުކޮށް ޖަލަށްލިއެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުވެސް ހައްޔަރުކޮށްފައި ވަނީ މި ހާލަތުގެ ދަށުންނެވެ.

އެމްއާރްއެމް އިން ނެރެނު ބަޔާނެއްގައި ބުނެފައިވަނީ މިއަދަކީ ރާއްޖޭގައި އެންމެފަހުން ހިންގި ކުއްލިނުރައްކަލުގެ ހާލަތު ހިންގަން ފެށިތާ ދެ އަހަރު ފުރުނު ދުވަސް ކަމަށްވާއިރު އެ ދުވަހު ކުއްލިނުރައްކަލުގެ ހާލަތު އިއުލާން ކުރީ ގާނޫނުއަސާސީގެ އުސޫލުތަކާ ޚިލާފަށް އަދި ގާނޫނުއަސާސީން ލިބިދޭ ހައްގުތައްވެސް ނަގާލައި އަދުލުއިންސާފުގެ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް ފަހު ކަމަށެވެ.

މި ބަޔާނުގައި ވަނީ ކުއްލިނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު އެންމެ ފުރަތަމަ ހައްޔަރުކޮށް ދޫނިދޫ ޖަލަށް ގެންދިޔައީ އެމްއާރްއެމްގެ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމު ކަމާއި އަދި އެއަށްފަހު އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމު ކަން ފާހަގަކުރައްވާފަ އެވެ.

"އެދުވަހު ގާނޫނު އަސާސީ ވަކި މީހެއްގެ މިލްކަކަށް ހަދައި ގާނޫނުގެ ބާރު ކަނޑުވާލައި ދިވެހިރާއްޖޭގައި ހިންގާފައިވަނީ ބޮޑު ޖަރީމާއެއްކަން އެދުވަހުވެސް ދިވެހި ރައްޔިތުން ގަބޫލު ކުރި އެވެ." އެމްއާރްއެމްގެ ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ ދެ އަހަރު ފުރުނުއިރު ދިވެހި ގައުމަށް ހާމަވެގެން ދިޔައީ އެއެ ހާލަތުގެ ދަށުން ބަންދުކުރެވުނު ބޭފުޅުންގެ އިސްތަށިފުޅުގައި އެޅުވި އިލްޒާމްތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު އިލްޒާމް ތަކެއް ކަމަށެވެ. އަދި އެއީ ވަކިބައެއްގެ ފައިދާއަށްޓަކައި ގާނޫނުތަކާ ޚިލާފަށް ބާރުގެ ބޭނުންކޮށްގެން ކޮށްފައިވާ ޣައިރު ގާނޫނީ މަސައްކަތެއް ކަމަށްވެސް ވިދާޅުވި އެވެ.

"އެ ދުވަހު ގާނޫނުއަސާސީއަށް ފައިންއަރާ، ގާނޫނުއަސާސީ އާއި ޚިލާފަށް މި އަނިޔާވެރި އަމަލު ހިންގި ދައުލަތުގެ އިސް މަގާމު ތަކުގައި ތިބި މީހުންގެ މައްސަލަ ބައްލަވައިދެއްވާ، އިންސާފުވެރި ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާ ތަކަށް ގޮވާލަމެވެ. އެހެންނޫނީ ކުރިއަށް އޮތް ތާނގައިވެސް ރައްޔިތުންގެ ވޯޓުން ބާރުދީފައި ތިބޭ ވެރިން މިބާވަތުގެ އަނިޔާވެރި ޣައިރު ގާނޫނީ ކަންތައްތައް ކުރުމަކަށް ޖެހިލުމެއް ނުވާނެވެ.،" އެމްއާރްއެމްގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!