ޚަބަރު

މާމައާ ހަވާލު ކުރި ކުއްޖާ ދައުލަތަށް ނެގުމަށް ވަގުތީ އަމުރެއް ނެރެފި

ތ. ތިމަރަފުށީ ކޯޓުގެ އަމުރަކަށް ފުލުހުން މާމައާ ހަވާލުކުރި އުމުރުން ހަ އަހަރުގެ ކުއްޖާގެ ބެލެނިިވެރިކަން ދައުލަތާ ހަވާލުކުރުމަށް ފެމިލީ ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ފެމިލީ ކޯޓުން މި އަމުރު ނެރެފައިވަނީ މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

ފެމިލީ ކޯޓުން ވަނީ 24 ގަޑިއިރު ތެރޭގައި ކުއްޖާ ދައުލަތާ ހަވާލުކުރުމަށް އަމުރު ނެރެފައެވެ. އަދި އެ އަމުރު ތަންފީޒު ކުރުމަށް ހުރަސްއަޅާނަމަ، އެކަން ހުއްޓުވައި އެ ކުއްޖާ ދައުލަތާ ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އަމުރުކޮށްފައެވެ.

އެޓާނީ ޖެނެރަލް އޮފީހުން ވަނީ މެދުރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ ހަ އަހަރުގެ ކުޑަ ކުއްޖަކާ ހަވާލުވެތިބި ފަރާތްތަކުން އިހްމާލުވަމުންދާ މައްސަލައަކާ ގުޅިގެން އެ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ދައުލަތަށް ނެގުމާބެހޭ މައްސަލައެއް ދައުލަތުގެ ފަރާތުން ފެމެލީ ކޯޓަށް މިއަދު ހުށަހަޅާފައިވެއެވެ.

"މި ކުއްޖާއަކީ ނުރައްކަލަށް ހުށަހެޅިފައި ހުރި ކުއްޖެއް ކަމުގައި ބެލެވޭތީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވާ ދެއްވުމަށް،" އެދިފައިވާ ކަމަށް ބަންޑާރަނައިބު އޮފީހުގެ ޓްވީޓުގައި ވަނީ ބުނެފައެވެ.

އެ ކުއްޖާ މާމައާ ހަވާލުކުރަން އުޅުމުން މ. މުލަކު ރައްޔިތުން ވަނީ އެކަމަށް ހުރަސްއަޅާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!