މެދުއިރުމަތި

އިސްރާއީލްގެ ސިފައިން ބަޑި ޖަހާ ޒަޚަމްކޮށްލި 12 އަހަރުގެ ކުއްޖާ ޝަހީދު ވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާވެރި ކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުން ދިޔަ މުޒާހަރާއެއްގައި އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ދިން ހަމަލާގައި ޒަޚަމްވި 12 އަހަރުގެ ކުއްޖާ ޝަހީދުވެއްޖެއެވެ.

12 އަހަރުގެ އުމަރު އަބޫ ހަސަން އަނިލް ޝަހީދުވީ، އިސްރާއީލުގެ ސިފައިން އޭނާގެ މެޔަށް އަމާޒުކޮށް ޖެހި އުންޑައަކުން ޒަޚަމްވުމާއި ގުޅިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށެވެ.

އެންމެ 12 އަހަރުގެ މި ތުއްތު ކުއްޖާ ޝަހީދުވެފައިވާކަން ޣައްޒާގެ ސިއްޙަތާ ބެހޭ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މިކުއްޖާގެ ގަޔަށް ބަޑި ޖަހައިފައި ވަނީ މިދިޔަ ހަފްތާ ހޮނިހިރު ދުވަހު އިސްރާއީލުން ގަދަކަމުން ވެރިވެ ގެންފައިވާ ފަލަސްތީނުގެ ބިމާ އިންވެގެން އޮންނަ ބޯޑަރު ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށެވެ. މި މުޒާހަރާކޮށްފައި ވަނީ ޤަތަރުން ޣައްޒާއަށް ދީފައިވާ އެހީ، އިސްރާއީލުން ހުއްޓުވައިފައިވާތީއާއި، މިޞްރާއި ފަލަސްތީނުގެ ބޯޑަރުން، ފަލަސްތީނުގެ ރައްޔިތުންނަށް ދަތުރު ނުކުރެވޭތީ އެކަމާ ނުރުހުން ފާޅު ކުރުމަށެވެ.

އިސްރާއީލުގެ ސިފައިން ބުނެފައި ވަނީ، ބަޑި ޖަހައިފައި ވަނީ، ބޯޑަރުގެ ފެންސް މަތިން ދާން މަސައްކަތް ކުރުމުން ކަމަށެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރަން އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުންކޮށްފައި ވެއެވެ.

މިދިޔަ ހަފްތާގައި ކުރި މިމުޒާހަރާގައި ޖުމްލަ 41 މީހަކު ޒަޚަމްކޮށްލާފައިވާއިރު، އުމަރުއާއެކީ އިތުރު 2 މީހަކަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުންދަނިކޮށް ވަނީ ޝަހީދުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!