އިދިކޮޅުން އިހްތިޖާޖްކޮށް މަޖިލިސް ހުއްޓުވައިފި

ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުއްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވިއިރު، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވި ބައެއް ފަނޑިޔާރުންގެ އޯޑިއޯ ލީކުވި މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމުން އިދިކޮޅުން މިއަދުގެ ޖަލްސާގައި އިހުތިޖާޖުކޮށް، އަޑުގަދަ ކުރުމުން ޖަލްސާ މެދުކަނޑައިލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި ދެ މައްސަލަ ހުށަހަޅުއްވައިފައިވެއެވެ. އެއީ އޯޑިއޯ ލީކްވި މައްސަލައިގައި ނައިފަރު ދައިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލައާއި މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމދު ރާއީ ހުށަހެޅުއްވި ރަސްފަރި ފަރަށް ބިޔަ އާގު ބޯޓެއް އެރި މައްސަލައާ ގުޅޭ ކުއްލި މައްސަލައެކެވެ. ކުއްލި ދެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވުމުން ގުރުއަތު ނަގައިގެން ބަހުސް ކުރުމަށް ދިމާވީ، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރައީ ހުށަހެޅި މައްސަލައެވެ.
ގުރުއަތުން ރާއީއަށް ފުރުސަތު ލިބިވަޑައިގެން، މަޖިލީހަށް އެ މައްސަލަ ބަލައިގަނެ ބަހުސަށް ހުޅުވައިލުމާ އެކު، އިދިކޮޅު ފަރާތްތަކުން ވަނީ އިހުތިޖާޖު ކުރަން ފަށައިފައެވެ. މިގޮތުން މިއަދު މަޖިލީހުގައި ލީކްވި އޯޑިއޯގެ މައްސަލަ ބެލުމަށްވުރެ ވަކި އެހެން މުހިންމު މަސައްކަތެއް ނެތްކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުން އަޑު ގަދަ ކުރިއެވެ. އަދި އިދިކޮޅު މެންބަރުން ގެންދެވީ ރައީސް ޔާމީން މިނިވަން ކުރުމާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މަގާމުން އަޒުލް ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ.
މީގެ އިތުރުން އިދިކޮޅު މެންބަރުން ވިދާޅުވަމުން ގެންދެވީ، ރާއީގެ މައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުންގެ އޯޑިއޯތަކާ ގުޅޭ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުން އެ މައުޟޫއަށް ބަހުސް ކުރިޔަ ނުދޭން ވެގެން ކަމަށެވެ.
އިދިކޮޅު މެންބަރުން މަޖިލީހުގެ އިދާރީ މޭޒު ކުރިމައްޗަށް ގޮސް އަޑުގަދަ ކުރަން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ މަޖިލީހުގެ ނިޒާމު ގެއްލި ޖަލްސާ 10 މިނިޓަށް މެދުކަނޑައިލައްވައިފައެވެ.