ހުޅުމާލޭގައި ދިން ވަޅީގެ ހަމަލާގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި، ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް ދިން ވަޅީގެ ހަމަލާގެ ތުހުމުގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
ފުލުހުން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނީ، އަންގާރަ ދުވަހުގެ ރޭ 7-8 އާ ދެމެދު ދިން މި ހަމަލައިގެ ތުހުމަތު ކުރެވެނީ ހަރުކަށި ފިކުރުގެ ބަޔަކަށް ކަމަށެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ބިދޭސީ ތިން ފިރިހެނުންނަށް ހަމަލަ ދިނީ ހެލްމެޓް އަޅައިގެން ސައިކަލްގައި ދިޔަ ދެ މީހަކު ކަމަށެވެ.
އެ ހަމަލާގެ ޒިންމާ ނެގިކަން އިއުލާންކޮށް ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިއެސްގެ ރާއްޖޭގެ ގޮފިން ވަނީ ރޭ ވީޑިއޯއެއް އާންމުކޮށްފައެވެ. މޫނު ފޮރުވައިގެން ތިބި ތިން މީހަކު މި ވީޑިއޯ އިން ފެންނައިރު، އެ ފަރާތްތަކުން ވަނީ އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.