ޚަބަރު ރައްޔިތުންގެ މަޖިލިސް

ކުރާނެ މުހިންމު މަސައްކަތެއް ނެތުމުން މާދަމާ މަޖިލީހުގެ ޖަލްސާ ނުބާއްވާނެ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާއިރު، ކުރާނެ މުހިންމުކަމެއް ތަޅުމުގައި ނެތުމުން މާދަމާގެ ޖަލްސާ ނުބާއްވަން ނިންމައިފިިއެވެ.

Ads by Sosun Fihaara

މައުލޫމާތު ލިބިފައިވާގޮތުގައި މަޖިލިސް ތަޅުމުގައި ކުރާނެ މާބޮޑު މަސައްކަތެއް ނެތުމުގެ ސަބަބުން މާދަމާގެ ޖަލްސާ ނުބާއްވަން ނިންމާފައިވާއިރު މިއަދު ބޭއްވި، ތިންވަނަ ދައުރުގެ 8ވަނަ ޖަލްސާ ވެސް ނިންމައިލައިފައި ވަނީ ތަޅުމުގެ މަސައްކަތަށްވުރެ ކޮމިޓީގެ މަސައްކަތްތައް ގިނަވެ އެމަސައްކަތްތައް ކުރިއަށް ގެންދިޔުމަށެވެ.

މަޖިލީހުގެ ތަޅުމުގައި މަސައްކަތް މަދުވެފައި ވަނީ ކޮމިޓީތަކުގައި ނުނިމި ހުރި ބިލްތައް ހުރުމުގެ ސަބަބުން ތަޅުމުގައި ބަހުސް ކުރާނެ ބިލްތަކެއް ނެތުމުންކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު 8ވަނަ ޖަލްސާގައި މިއަދު ރިޔާސަތު ބަލަހައްޓަވާފައިވަނީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

މިއަދު މަޖިލީހުގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވައިފައިވާ މައްސަލަ ހުށައަޅުއްވައިފައިވީ ނަމަވެސް މި މައްސަލައަށް ބަހުސްކުރުމަށް ފާސްވެފައެއް ނުވެއެވެ. މީގެ އިތުރުން ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވައިފައިވާ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ވެސް ވަނީ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައެވެ. ސަރުކާރުގެ ފަރާތުން، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށަހަޅުއްވައިފައިވާ، އިލެކްޓްރޯނިކް މުޢާމަލާތްތަކާ ބެހޭ ބިލުގެ ބަހުސް ވެސް މިއަދުގެ މަޖިލީހުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ހަމަ އެހެންމެ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ އުސޫލުތަކާއި އެކްސްޕެޓް ސިސްޓަމަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ކުންފުނިތަކަށް ދިމާވެފައިވާ ދަތިތައް ބައްލަވައިދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލަ، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަ ށްފަހު އެރިޕޯޓު މަޖިލީހުން މިއަދު ވަނީ ފާސްކުރައްވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!