ވިޔަފާރި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން "ގާރލްސް ޓު ކޯޑު- ކުޅުދުއްފުށި" ފަށައިފި

މަރްޔަމް ވަޙީދާ

އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރި ކުރުމަށް ޓަކައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ކޯޑިންގ ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމް "ގަރލްސް ޓު ކޯޑު -  ކުޅުދުއްފުށި" އިއްޔެ ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ފެށުމުގެ ރަސްމިއްޔާތު ރޭގައި ބާއްވައިފައި ވަނީ ވާރޗުއަލް ކޮށެވެ. މި އިވެންޓުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވެސްގެ އިތުރުން މި ޕްރޮގުރާމްގެ ބައިވެރިން ވެސް ބައިވެރިވިއެވެ.

އޮންލައިންކޮށް ގެންދެވޭ މި ޕްރޮގްރާމް ކުރިއަށް ދާނީ ދެ މަސް ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި ކުދިންނަށް އެޗް.ޓީ.އެމް.އެލް، ސީ.އެސް.އެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެ ކަމަށް ދިރާގުން މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ހިންގޭ ވޯކްޝޮޕްތަކުގައި ޕްރޮޖެކްޓް މެނޭޖްކުރުމާއި އަދި ވެބް ޑިވެލޮޕްމެންޓާ ގުޅޭ ގޮތުން މައުލޫމާތު ޙިއްސާކުރުމަށް މެންޓަރސްގެ ގޮތުގައި މިދާއިރާގެ ފަންނީ މީހުން ބައިވެރިވާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވަރިންނަށް މުހާތަބް ކުރައްވަމުން، ދިރާގުގެ ޑިރެކްޓަރ ކޯޕަރޭޓް ސަރވިސަސް އާތިފާ އަލީ ވިދާޅުވީ އަންހެންކުދީން ޓެކްނޮލޮޖީ ދާއިރާގައި ބާރުވެރިކުރުމަށް ހިތްވަރު ދިނުމަކީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމް ގައި ޚާއްޞަ އަހައްމިޔަތުކަމެއް ދޭ ދާއިރާއެކެވެ. ގާލްސް ޓު ކޯޑް 3ވަނަ ސީރީސް ފެށިގެން ދާއިރު، ކޮންމެ އަހަރަކުވެސް މިޕްރޮގްރާމްއަށް ލިބޭ ތަރުހީބު އިތުރުވަމުން ދާކަމަށާއި، މީގެން ދޭހަ ވަނީ މިދާއިރާއަށް އަންހެން ކުދިންގެ ޝައުޤުވެރިކަން ވެސް އިތުރުވަމުން ދާކަމަށެވެ. އަދި މިއީ ދިރާގުން ހާއްސަކޮށް ފާހަގަކޮށް އުފާ ކުރާކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.

މި ޕްރޮގްރާމް ކުޅުދުއްފުށީގައި ބޭއްވުމަށް ކުޅުދުއްފުށިން ލިބުނު ތަރުޙީބު އަދި އެކި ފަރާތްތަކުން ދެއްވި އެއްބާރުލުމަށް ވިމެން އިންޓެކް މޯލްޑިވްސްއިން ޝުކުރު ދެންނެވިއެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ ހިންދު އަލީ ވިދާޅުވީ ކޯޑިން ފަދަ ޓެކް ހުނަރަކީ ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔެ ކުރިއަރާ ސްޕީޑްގައި އަހަރުމެން ވެސް ފައިހަމަ ކުރުމަށް ބޭނުންވާ މުހިއްމު ހުނަރެއް ކަމަށާއި، ގާރލްސް ޓު ކޯޑް ޕްރޮގްރާމަކީ ކޯޑިން ދަސްކުރުމަށް އެޅޭ ބިންގަލެއް ކަމަށެވެ.

ވިމެން އިން ޓެކްގެ އުންމީދަކީ ޕްރޮގްރާމްގެ ބައިވެރިން މިކަމަށް އޮތް ޝައުގުވެރިކަން ދަމަހައްޓައި އަދި ދަސްކުރުމުގައި ދެމިތިބުން ކަމަށާއި ދަސްކުރާ ހުނަރުތައް އާންމު ދިރިއުޅުމުގައި ވެސް އެޕްލައި ކުރުން މުހިއްމު ކަމަށް ވެސް ވިދާޅުވިއެވެ.

"ގަރލްސް ޓު ކޯޑް ކުޅުދުއްފުށި" އަކީ މި ސީރީސްގެ 3 ވަނަ ޕްރޮގްރާމްއެވެ. ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންދެވިފައި ވަނީ 2019 ވަނަ އަހަރު ޏ.ފުވައްމުލަކުގައެވެ. އަދި ދެވަނަ ޕްރޮގްރާމް ހިންގިފައި ވަނީ 2021 ވަނަ އަހަރު ގދ.ތިނަދޫގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!