އިނގިރޭސިވިލާތުން ތާލިބުންނާއެކު މަސައްކަތް ކުރަން ތައްޔާރު

އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާނުންނާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރުކަމަށް އިނގިރޭސިވިލާތުގެ އިއްތިޙާދުން ވިދާޅުވެއްޖެއެވެ.
ބްރިޓިޝް ފޮރިން ސެކެޓްރީ ޑޮމިނިކް ރާބް ވިދާޅުވީ ހަގީގަތުގައި އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނުން އަވަސް އަރުވައިލައިގެން ބަލައިގަންނަން ބޭނުން ނުވި ނަމަވެސް އެ ޖަމާޢަތާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރުކަމަށެވެ.
މީގެ އިތުރުން ޤަޠަރުގެ ފޮރިން މިނިސްޓަރ ޝައިޚް މުޙައްމަދު ބިން ޢަބްދުލްރަޙްމާން އަލްސާނީ ވިދާޅުވީ ދެ ޤައުމުން ގުޅިގެން މަސައްކަތްކުރަނީ ކާބުލްގެ ވައިގެ ބަނދަރުގެ ޚިދުމަތްތައް ވީ އެންމެ އަވަހަކަށް އަލުން ފެށުމަށް ކަމަށެވެ. އަދި ކާބުލްގެ ވައިގެ ބަނދަރަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމަށް ތުރުކީވިލާތާ އެކު މަސައްކަތް ކުރަމުންދާކަމަށް ވެސް އަލްސާނީ ވިދާޅުވިއެވެ.
ކާބުލްގެ ވައިގެ ބަނދަރާ ޙަވާލުވުމާ ގުޅޭގޮތުން ތުރުކީވިލާތުން މީގެ ކުރިން އެމެރިކާއާއި އަފްޣާނިސްތާނުގެ ސަރުކާރާ މަޝްވަރާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުން އެ ޤައުމުގެ ވައިގެ ބަނދަރު ހުއްޓުމަކަށް އައިސްފައި ވަނީ އޮގަސްޓު މަހުގެ 30ވަނަ ދުވަހުގެ ވަގުތެއްގައެވެ. ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ދިޔުމުން އެ ޤައުމުގައި ޤާއިމުކޮށްފައިވާ އެންބަސީތައް ވަނީ ޤަޠަރަށް ބަދަލުކޮށްފައެވެ.
އަފްޣާނިސްތާނުގައި ގެދޮރު ގެއްލިފައިވާ 30.000 މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 300 މިލިޔަން ޔޫރޯ ހޯދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.