ޚަބަރު

މިދިޔަ މަހު އެކަނި އިންޑިއާއިން ބައި ލައްކައެއްހާ މީހުން ރާއްޖެއަށް އައި!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ވެލާނާ އިންޓަރނޭޝަނަލް އެއަަރޕޯޓް

މިދިޔަ މަހު އެކަނި އަވައްޓެރި އިންޑިއާއިން ބައިލައްކައެއްހާ މީހުން ރާއްޖެއަށް އައިކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ އިންޑިއާ މީހުން މިދިޔަ މަހު އައިސްފައި ވަނީ މެދުއިރު މައްޗަށް ދިއުމުގެ ކުރިން ކަރަންޓީން ވުމަށެވެ. އިންޑިއާގެ ކޮވިޑް-19 ހާލަތާ ހުރެ މެދުއިރު މަތީގެ ގިނަ ޤައުމުތަކަށް މިދިޔަ މަހު އިންޑިއާއިން ސީދާ ދަތުރުތައް ނުކުރެވެއެވެ. މިގޮތުން އިންޑިއާގެ މަސައްކަތު އާބާދީއެއް އޮންނަ ސައުދީ އަދި ދުބާއީއަށް އެތެރެވުމުގެ ކުރިން އެހެން ޤައުމެއްގައި އިންޑިއާ މީހެއް ނަމަ 14 ދުވަހު ކަރަންޓީންވާން ޖެހެއެވެ. ރާއްޖޭއަށް އިންޑިއާ މީހުން އައިސްފައި ވަނީ މި ގޮތަށް ކަރަންޓީންވުމަށެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ޓަރމިނަލް އޮޕަރޭޝަންސް ޖެނެރަލް މެނޭޖަރ، އިބްރާހިމް ހުސައިން ވިދާޅުވީ މިދިޔަ މަހު ރާއްޖެއަށް ބައިލައްކައަށްއާ ގާތްކުރާ އަދަދަކަށް އިންޑިއާ މީހުން އައިސްފައެވެ. އަދި ވިދާޅުވީ، މިދިޔަ އޮގަސްޓު މަސް ފާހަގަކޮށްލެވެނީ އެއާޕޯޓަށް ބާރުބޮޑު މަހެއްގެ ގޮތުގައި ކަމަށާއި އޮގަސްޓު މަހު 143،599 ފަސިންޖަރުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިއީ މިއީ މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި މަސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހު ރާއްޖެއަށް، އިންޑިއާއަށް ނިސްބަތްވާ 54،094 މީހަކު އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ މީހުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެއީ، 17،069 މީހުންނެވެ.

އިންޑިއާއިން ކަރަންޓީންވާން އައި ފަތުރުވެރިންގެ ސަބަބުން މާލެއާއި ރާއްޖޭގައި ގެސްޓްހައުސް ހިންގާ ރަށްތަކުގެ ގެސްޓް ހައުސްތައް ވަރަށް ބޮޑަށް ތޮއްޖެހުނެވެ. މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ސީދާ ދަތުރުތައް އިންޑިއާއަށް ހުޅުވާލުމާ އެކު ކަރަންޓީންވާން އިންޑިއާއިން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑުތަން ވަނީ ދަށްވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!