ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ހުރިހާ މިނިވަން މުއައްސަސާއަކަށް ނުފޫޒް ފޯރުވާ ބޭފުޅެއްކަން ޔަގީން ވެފައިވާ ކަމަށާއި އިންސާފަކީ ރައީސް އޮފީހުން ދޮލަނގަކަށް ލައިފައި ދޭ އެއްޗަކަށް ހަދައިފައިވާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ކުރެވޭ ތުހުމަތުތަކަށް އިޝާރަތް ކުރައްވައި ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން ރައީސްގެ އަޅުންނަށް ހަދާފައިވާ ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއަކީ މިނިވަން ހުރިހާ މުއައްސަސާއަކަށް ނުފޫޒް ފޯރުވާ ބޭފުޅެއްކަން މިވަނީ ޔަޤީންވެފައި. އެމަނިކުފާނުގެ އަޅުންނަށް އެންޓި ކޮރަޕްޝަން ކޮމިޝަންވުމުން ކުރެވޭ ތަޙްޤީޤެއް ނެތް.ރައީސް އޮފީހުން ދޮލަނގަށް ލައިފައި ދޭ އެއްޗަކަށް އިންޞާފް ހަދައިފި.ރައީސްގެ ޓީމަށް އެރުމުން ހުދު ފޮތިކޮޅަކަށް ވޭ" ޖަމީލްގެ ޓްވީޓްގައި ވިދާޅުވިއެވެ.
ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވިކަމަށް ކުރީގެ ފަނޑިޔާރުންތަކެއް ބުނެފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލައިގައި ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވައިފައިވީ ނަމަވެސް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިހާބުގައި މަޙްލޫފަށް ވާދަކުރެވޭނެ ކަމަށް ވަނީ ނިންމައިފައެވެ.