އެލާޓް އަކީ މާކެޓިން ޓޫލްއެކޭ ނުދައްނަވަން: އަލީ ވަހީދު
ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް އެމްއެންޑީއެފުން އެލާޓް ލެވެލް މަތިކުރުމާ ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތައް އޮޅުވާލާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މި ދުވަސްވަރާ ދިމާކޮށް އެލާޓް ލެވެލް މަތިކުރުމުން ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ ކަމަށް އަލީ ވަހީދާ ހަވާލާދީ ބައެއް މީޑީޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ނަމަވެސް އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެގޮތަށް ވިދާޅުނުވާ ކަމަށާއި އޭނާ ވިދާޅުވީ ސެކިއުރިޓީ ވަރުގަދަ ކުރުމަކީ ފަތުރުވެރިންނަށާއި ރައްޔިތުންނަށް ރައްކާތެރިކަން އިތުރަށް ކަށަވަރުވާނެ ކަމެއް ކަމަށް ކަމަށެވެ.
"އެލާޓް އަކީ މާކެޓިން ޓޫލްއެކޭ ނުދައްނަވަން. ސެކިއުރިޓީ ވަރުގަދަ ކުރުމަކީ ފަތުރުވެރިންނަށާއި ރައްޔިތުންނަށް ރައްކާތެރިކަން އިތުރަށް ކަށަވަރު ވާނެ ކަމެއް ކަމަށް ދެންނެވީ. ހުރިހާ ކަމެއް ޓްވިސްޓްކޮށް ސްޕިން ކުރުމަކީ މިޒާތުގެ މައުލޫގައި އެހާ ރަނގަޅު ކަމެއް ނޫން. ރައްކާވެ ތިބިއްޔާ ދަތުރެއް." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި މުޅި ވާހަކައިގެ އަސްލު އޮޅޭ ގޮތައް ރައްޔިތުންނަށް މިސްލީޑް ކުރާތީ ހިތާމަ ކުރައްވާ ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކުގެ ޙައްޤުތަކަށް މި ސަރުކާރުން އެއްވަރަކަށް އިހްތިރާމްކޮށް ހިމާޔަތް ކުރާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެމްއެންޑީއެފުން މިދިޔަ އަންގާރަ ދުވަހުގެރޭ 7:00 އިން ފެށިގެން ވަނީ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސާ "ޔެލޯ2" އަށް ބަދަލުކޮށްފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.