ދީން

ޙަލާލް ނޫން ފައިސާ ހޯދާ މީހުންގެ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާނެ: މުފްތީ މެންކް

ދެން އެމްވީ ، ދެން އޮންލައިން

ޙަރާމް ފައިސާ ހޯދާ ނަމަ ނުވަތަ މާތް ﷲ ނަޙީ ކުރައްވާފައިވާ ޢަމަލުތައް ކޮށްގެންނާއި ނުޙައްޤުން ފައިސާ ހޯދާ ނަމަ، އެމީހެއްގެ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު ވިދާޅުވެފައިވެއެވެ.

Ads by MWSC

މުފްތީ މެންކު އޭނާގެ ދަރުހެއްގައި ވިދާޅުވެފައި ވަނީ ޙަރާމް ފައިސާއަކީ މާތް ﷲ ނަހީ ކުރައްވާފައިވާ ޢަމަލެއް ކޮށްގެން ނުވަތަ އިސްލާމްދީނުގައި ކުރުން ޙަރާމް ކޮށްފައިވާ މަސައްކަތެއް ކޮށްގެން ހޯދާ ފައިސާ ކަމުގައެވެ. އެގޮތުން ތިމާއަށް ފާފަ ލިބޭނެ ފަދަ ޢަމަލުތައް ކޮށްގެން، އެއީ "ވަޒީފާ"ކަމުގައި ދެކިގެން ހޯދާ ފައިސާ ޙަލާލު ނުވާނޭ ކަމަށާއި އެ ފަދައިން ފައިސާ ހޯދާ މީސްތަކުންނާއި މެދު މާތް ﷲ ނުރުއްސަވާނެކަމާއި އެބައިމީހުން ކުރާ ދުޢާ ވެސް އެކަލާނގެ އިޖާބަ ނުކުރައްވާނޭ ކަމަށް ވިދާޅުވެފައިވެއެވެ.

އިބްނު މަސްޢޫދު ރިވާ ކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ.

''މާތް ﷲ ގެ އަޅުތަކުންކުރެ ޙަރާމް ފައިސާ ހޯދާ މީހާ ކުރާ ޞަދަގާތް އެކަލާނގެ ޤަބޫލު ނުކުރައްވާ ހުއްޓެވެ. އެފައިސާ އޭނާ ޚަރަދު ކުރާނަމަ، އޭގައި އެއްވެސް ބަރަކާތެއް ވެސް އެކުލެވިގެން ނުވެއެވެ. އަދި އޭނާ އެފައިސާ ދޫކޮށްފައި ދިޔުމުން (އެހެނީ މަރުވުމުން) އެފައިސާ ވާހުށީ އޭނާއާއިއެކު ނަރަކައަށް ގެންދެވޭ އެއްޗަކަށެވެ.ހަމަކަށަވަރުން ނުބައި ޢަމަލު ކުޅައުމަކުން އެކަލާނގެ އެއްވެސް އަޅެއްގެ ފާފައެއް ނުފުއްސަވާނެތެވެ. ފާފަ ފުއްސަވާނީ ހެޔޮ ޢަމަލު ކުޅައުމުންނެވެ."(މުސްނަދު އަޙްމަދު 3672، މުސްނަދު އަލް-ބައްޒާރް 2026)" މުފްތީ ވިދާޅުވެފައިވެއެވެ.

ދުޢާ އިޖާބަ ނުކުރައްވާ އެންމެ ބޮޑު ސަބަބަކީ ޤަވާޢިދުން ނަމާދު ނުކުރުން ކަމުގައި ވެސް މުފްތީ މެންކް ވިދާޅުވެފައިވެއެވެ.

"ނަމާދު ނުކުރާ މީހަކީ މުސްލިމެއް ކަމުގައިވެސް ނުބެލެވޭ. މުސްލިމަކަށްވުމަކީ ހަމައެކަނި ދުލުން ޝަހާދަތުގެ ދެކަލިމަ ކިޔުމެއް ނޫން. ނަމާދު ނުކުރާ ނަމަ ތިމާއަށް މިދުނިޔެއާއި އާޚިރަތުގައި ވެސް ވަނީ ވޭނާއި ބިރުވެރިކަން. أَسْتَغْفِرُ ﷲ " މުފްތީ މެންކް ވިދާޅުވިއެވެ.

މީގެ އިތުރުން ދުއާ އިޖާބަ ނުކުރައްވާ އެހެން ސަބަބުތަކުގެ ތެރޭގައި މުފްތީ މެންކު ވިދާޅުވެފައި ވަނީ އެކަލާނގެ ޙަޟްރަތަށް ދުޢާ ދަންނަވާއިރު، އަވަސް އަރުވައިލައިގެން ދުޢާ ދެންނެވުމެވެ. އެހެންކަމުން ދުޢާ ކުރާއިރު މަޑުމައިތިރިކަމާ އެކު ދުޢާ ކުރުމަށާއި މާތް ﷲއަކީ އެއްކައުވަންތަ އިލާހު ކަމަށް ހެކިވެ، މުޙައްމަދު (ޞޢވ)އެއީ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމަށް ހެކިވެ އެކަލޭގެފާނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާ ކުރުމަށްފަހު ދުޢާ ކުރުމަށާއި އެކަލާނގެ ދެއްވެވި ހުރިހާ ނިޢުމަތްތަކަށް ޝުކުރު އަދާ ކުރުމަށް ހަނދުމަ ކުރުމަށް ވެސް ދީނީ ޢިލްމުވެރިޔާ ހަނދުމަކޮށް ދެއްވާފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!