ޚަބަރު

މައުލޫމާތު ހާމަކުރާ ނޫސްވެރިންނަށް އެވޯޑް ދެނީ

ދެން އެމްވީ ، ދެން އޮންލައިން

މައުލޫމާތު ހޯދައި، ހާމަކުރާ ނޫސްވެރިންނަށް ރައިޓް ޓް އިންފޮމޭޝަން (އާރްޓީއައި) އެވޯޑް ދޭން ނިންމާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އިއުލާން ކުރައްވައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންނަ އަހަރު ކުރަން ނިންމާފައިވާ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ، ފިޔާޒް ވިދާޅުވީ މީގެ ކުރިން މައުލޫމާތު ހާމަ ކުރަމުން ގެންދާ މުއައްސަސާތަކާއި މިނިސްޓްރީތަކަށް "ރަންވަނަ" އެވޯޑު ދޭ ފަދައިން އަންނަ އަހަރު އާރްޓީއައި ފޯމް ބޭނުން ކޮށްގެން މައުލޫމާތު ހޯދައި ހާމަކުރާ ނޫސްވެރިންނާއި ނޫސް އިދާރާތަކަށް ވެސް އާރްޓީއައި އެވޯޑު ދޭން ނިންމާފައިވާ ކަމަށެވެ.

ނޫސްވެރިންނަކީ މައުލޫމާތު ހޯދުމާއި ފެތުރުމުގެ މާއްދާ 29 ގެ މުހިންމު ބައިވެރިއެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އާރްޓީއައި އެވޯޑުގެ ގޮތުގައި އެންމެ ރަނގަޅު ނޫސްވެރިޔާ އަދި ނޫސް އިދާރާ ހޮވާނެ ކަމަށް ފިޔާޒް ވިދާޅުވިއެވެ.

"އެއީ މައުލޫމާތު ހޯދައިދިނުމުގެ ގާނޫނުގައި ބުނާ ގޮތަށް މައުލޫމާތު ހޯދާ އެ ލިޔާ ނޫސްވެރިޔާއަށާއި ނޫސް އިދާރާއަށް ދޭ އެވޯޑެއް. މީގެ އިތުރުން މައުލޫމާތު ހޯދުމަށް އެންމެ ރަނގަޅަށް މަސައްކަތް ކުރި ޖަމިއްޔާއެއް ވެސް ހޮވައި އަންނަ އަހަރު އެވޯޑު ދޭނެ." ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒް ވިދާޅުވީ އެވޯޑަށް ގާބިލު ފަރާތްތައް ބަލާނީ އަންނަ މަހުން ފެށިގެން ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް މައުލޫމާތު ހާމަ ކުރުމުގެ ދުވަސްގެ ގޮތުގައި ފާހަގަ ކުރާ ސެޕްޓެމްބަރު 28 ގައި ބާއްވާ ޖަލްސާގެ ތެރެއިން އެވޯޑު ދޭނެ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދާއިރާތަކުން އަންނަ އަހަރު ދިހަ އެވޯޑެއް ދޭން ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި ދައުލަތުގެ އިދާރާތަކާއި ކައުންސިލްތަކާއި ޔުނީފޯމް ބޮޑީތަކާއި ސަރުކާރުގެ ކުންފުނިތައް ވެސް ހިމެނޭނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!