މެދުއިރުމަތި

ވެރިވެގެންފައިވާ ފަލަސްތީނުގެ ބިމުން އިސްރާއީލުން ފޭބުމަށް އެއް އަހަރުގެ މުހުލަތެއް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިސްރާއީލުގެ ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިމުން ފައިބަން އިސްރާއީލުގެ ސަރުކާރަށް އެއް އަހަރުގެ މުހުލަތެއް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ދެއްވައިފިއެވެ.

މިހާރު އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދާ ޔުނައިޑެޓް ނޭޝަންސްގެ ޖެނެރަލް އެސެންބްލީގައި ވާޗުއަލްކޮށް ބައިވެރިވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އައްބާސް ވިދާޅުވީ، އެއް އަހަރުގެ ތެރޭގައި އިސްރާއީލުން ވެރިވެގެންފައިވާ ބިންތަކުން ނުފައިބައިފި ނަމަ 1967 ވަނަ އަހަރު ދެ ޤައުމުން އެއްބަސްވެފައިވާ ދެ ސްޓޭޓެއްގެ ސުލްހައަށް ފަލަސްތީނުން ބަލައިނުގަންނާނެ ކަމަށެވެ.

އައްބާސް ވިދާޅުވީ، އިސްރާއީލަކީ އިސްތިއުމާރީ ދައުލަތެއްކަން މުޅި ދުނިޔެއަށް އެނގޭ ކަމަށާއި 1967 ވަނަ އަހަރު އެއްބަސްވެވުނު މުއާހަދާއަށް އިސްރާއީލުން އަމަލު ކުރަމުން ނުދާ ކަމަށެވެ. އަދި އިސްރާއީލުން އެއް އަހަރު ތެރޭ ޤުދުސްއިން ނުފައިބައިފި ނަމަ އިސްރާއީލްގެ ބޯޑަރު ފަލަސްތީނުން ބަލައި ނުގަންނާނެ ކަމަށް ބުނެ އައްބާސް ވަނީ އިންޒާރު ދެއްވައިފައެވެ.

އައްބާސްގެ ވާހަކަފުޅުގައި އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒަށް ހުށަހެޅުމެއް ވަނީ ހުށަހަޅުއްވައިފައެވެ. އަދި އަމާންކަމަށް ފަލަސްތީނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވަމުން، މިއަހަރުގެ ތެރޭގައި މުޅި ދުނިޔެއަށް ހުޅުވައިލައިގެން ސުލްހައިގެ މަޝްވަރާ މަޖިލީހެއް ބޭއްވުމަށް އައްބާސް ވަނީ ގޮވައިލައްވައިފައެވެ.

އިސްރާއީލް އަދި ފަލަސްތީންގެ ދެ ދައުލަތެއް އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތް މަޑު ޖެހިފައި އޮންނަތާ ވަރަށް ގިނަ އަހަރު މިހާރު ވަނީ ވެފައެވެ. އައްބާސް ވިދާޅުވީ، އިސްރާއީލްގެ މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ދާން ވެސް ފަލަސްތީނުން ތައްޔާރަށް އޮތް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!