އިސްރާއީލުން ކުރި ރެއިޑެއްގައި ފަލަސްތީނުގެ 5 ރައްޔިތަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ކުރި ރެއިޑެއްގައި އެ ޤައުމުގެ ފަސް ރައްޔިތަކު މިއަދު ޝަހީދުކޮށްލައިފިއެވެ.
މިހަމަލާއާ ގުޅިގެން އިސްރާއީލު ސިފައިން ބުނީ، އެއީ ހަމާސް ޖަމާއަތާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމަށާއި އޮޕަރޭޝަން ހިންގަން ޖެހުނީ ހަމާސްއިން ހަމަލާ ދޭން އުޅޭކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ. ޝަހީދުވީ މީހުންނަކީ ވެސް ހަމާސްގެ މެންބަރުން ކަމަށް ބެލެވޭ ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.
އިސްރާއީލުގެ މި ހަމަލާގެ ސަބަބުން ފަލަސްތީނުގެ ދެ ހަނގުރާމަވެރިއަކަށް ސީރިއަސް ޒަހަމްތަކެއް ވެސް ލިބިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ފަލަސްތީނުން ޝަހީދުވި މީހުންގެ ތެރޭގައި ހަމާސްގެ ހަތަރު މީހަކު ހިމެނޭ ކަމަށް އެ ޖަމާއަތުން ވެސް ވަނީ ބުނެފައެވެ. އެހެންކަމުން މި ހަމަލާގެ ރައްދު ދިނުމާ ބެހޭގޮތުން މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިސްރާއީލުން ދިން މި ހަމަލައިގައި ދެ މީހަކު ޝަހީދު ކޮށްލައިފައި ވަނީ ބުރްގިންގައެވެ. އަނެއް ތިން މީހުން ޝަހީދު ކޮށްލީ ބިއްޑޫގައި ކަމަށް ވެސް ބުނެފައިވެއެވެ.
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް އައިސްފައި ނުވާ އިރު، މިދިޔަ ހަފްތާގައި އިސްރާއީލުގެ ޖަލަކުން ފިލި ހަތަރު ފަލަސްތީނު ރައްޔިތެއް ވެސް ވަނީ އަލުން ހައްޔަރުކޮށް، ހަރުކަށި އަދަބު ދިނުމާ އެކު އަލުން ޖަލަށްލައިފައެވެ.