ޚަބަރު އިޖުތިމާޢީ

އަރިދަފުސް ރޯގާ ޖެހިގެން މިދިޔަމަހު އެކަނި 11,000 މީހުން ޑޮކްޓަރަށް ދެއްކި

ރައުފާ ރަޝީދު ، ދެން އޮންލައިން

އަރިދަފުސް ރޯގާ ޖެހިގެން މިދިޔަމަހު އެކަނި 11,000 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Ads by MWSC

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު 11,348 މީހުން ވަނީ އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައެވެ. ޖުލައި މަހު މި ބަލީގައި ޑޮކްޓަރަށް ދައްކައިފައި ވަނީ 3,838 މީހުންނެވެ.

ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން ގިނަވުމާ ގުޅިގެން އައިޖީއެމްއެޗްއިން ވަނީ ހާއްސަ ފްލޫ ކްލިނިކެއް ވެސް ހަދައިފައެވެ. އެ ކްލިނިކަކީ ހުން އައުން, ރޯގާ ޖެހުން އަދި ކެއްސުން ފަދަ ކަންކަމާ ގުޅިގެން ދައްކަން ހާއްސަކޮށް ހަދާފައިވާ ކްލިނިކެކެވެ. އެ ތަން ހެނދުނު 8:30އިން ރޭގަނޑު 10:00 ހުޅުވައިފައި ހުންނާނެ ކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.

ފަހަކަށް އައިސް އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން ގިނަވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ސަމާލުވާން އަންގައިފައެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ބަލީގެ އަލާމާތްތައް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާ ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!