ސްޕޭންގެ މެޑްރިޑްގެ އަވަށެއް ކަމުގައިވާ ލަ ޕަލްމާގެ އަލިފާން ފަރުބަދައެއް ގޮވައި ދިޔާ އަލިފާން ފައިބައި ބޮޑު ސަރަހަައްދަކަށް ފެތުރިއްޖެއެވެ.
ސެޕްޓެމްބަރު 19 ވަނަ ދުވަހު އަލިފާން ފަރުބަދަ ގޮވަން ފެށުމާއެކު އެތައް ހާސް ބަޔަކު ވަނީ ގެތައް ދޫކޮށް އެހެން ތަންތަނަށް ބަދަލުވެފައެވެ. ފެތުރެމުންދާ އަލިފާންގަނޑުގެ ދަށުވެ އެތައް ސަތޭކަ ގެތަކާއި، ވިޔަފާރިތަކާއި ދަނޑުބިންތައް ވެސް ވަނީ އަނދާ އަޅިއަށް ވެފައެވެ. އަދިވެސް ބޮޑަށް އަލިފާންގަނޑު ފެތުރެމުން ދާއިރު މި އަލިފާންގަނޑުގެ ސަބަބުން ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ.
މި އަލިފާން ފަރުބަދަ އެންމެ ފުރަތަމަ ގޮވަން ފަށައިފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ނަމަވެސް ވޯލްކެނޮލޮޖީ އިންސްޓިޓިއުޓުން ނިންމައިފައި ވަނީ އަލިފާން ފަރުބަދަ އެންމެ ފަހުން ގޮވި ދުވަސް ކަމުގައިވާ މިދިޔަ ބުރާސްފަތި ދުވަހުގެ ގޮވުމަކީ އަލިފާން ފަރުބަދަ ގޮވި ދުވަސް ކަމުގައެވެ.
ބުރާސްފަތި ދުވަހު މި ފަރުބަދައިގެ 400 މީޓަރުގެ ބޮޑު ވަޅުގަނޑެއް ހެދިފައިވާއިރު އެ ވަޅުގަނޑުން ގިނަ އަދަދަކަށް ދިޔާ އަލިފާން ދަނީ ފައިބަމުންނެވެ. މިވަޅުގަނޑު ހެދިފައި ވަނީ މިފަރުބަދަ އެންމެ ފުރަތަމަ ގޮވަން ފެށި ދިމާލުގެ އުތުރުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ފަރުބަދައިން ފައިބަމުންދާ ދިޔާ އަލިފާންގަނޑު ކަނޑަށް އެޅިދާނެކަމުގެ ބިރު ކުރިން ވެސް އޮތްއިރު މިހާރު ވެސް ވަނީ ކަނޑުގެ ބޮޑު ސަރަހައްދަކަށް ދިޔާ އަލިފާންގަނޑު ފެތުރިފައެވެ.