ޚަބަރު

އެމްޑީޕީއަކީ ނުތާހިރު ފިލޯސަފީއެއްގެ ވެރި ބައެއް: ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ވެރިކަން ކުރާ އެމްޑީޕީއަކީ ނުތާހިރު ފިލޯސަފީއެއްގެ ބައެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ސަސްޕެންޑު ކޮށްފައިވާ ޔޫތު މިނިސްޓަރު މަޙްލޫފް، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗް ބަލަން ދަނޑަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި، ކުރީގެ ރައީސް މައުމޫނު، އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަރިހުގައި މެޗު ބަލަން އިންނެވި ފޮޓޯއެއް ޓްވިޓާގައި ޝެއަރ ކުރައްވަމުންނެވެ.

ޖަމީލް ވިދާޅުވީ މިހާރު ފެންނަ ކަންކަމުން ސާފު ވަނީ ޤާނޫނު ހިންގުމުގައި ރައީސް ނުރަނގަޅު ނުފޫޒު ފޯރުވާކަން ކަމަށެވެ. އަދި އެސްއޯއެފުން ފައިސާ ލިބުނު ވަޒީރަށް، އެމްޑީޕީ މޭޔަރަށް އަދި މެމްބަރަކަށް ދަޢުވާ ނުކުރާނެ ކަމަށާއި ދެން އިވޭނީ މަޙްލޫފަށް ވެސް ދަޢުވާ ނުކުރާ ޚަބަރު ކަމަށް ޖަމީލް ވިދާޅުވިއެވެ. މީގެ އިތުރުން “އެމްޑީޕީއަކީ ނުތާހިރު ފިލޯސަފީއެއްގެ ވެރި ބައެއް” ކަމަށް ޖަމީލް ވިދާޅުވިއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗް ބަލަން ސަސްޕެންޝަނުގައި ހުރި މަޙްލޫފު ދަނޑަށް ވަޑައިގެން ރައީސްއާ އެއް ސަފެއްގައި މެޗު ބަލަން އިންނެވުމުން އާންމުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!