އޭޝިއާ

އަފްގާނިސްތާނު މިސްކިތެއްގެ ބޭރުގައި ދިން ބޮމުގެ ހަމަލާއެއްގައި 5 މީހަކު މަރުވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ މިސްކިތެއްގައި ކުރިޔަށް ދިޔަ ޖަނާޒާއަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ފަސް މީހަކު މަރުވެއްޖެއެވެ.

އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުންގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނެފައިވަނީ، ހަމަލާދީފައި ވަނީ ތާލިބާނުގެ ތަރުޖަމާނު ޒަބިދުﷲ މުޖާހިދުގެ މަންމަގެ ޖަނާޒާ ކުރިޔަށް ދަނިކޮށެވެ. މިހަމަލާދީފައި ވަނީ އީދު ގަހާ މިސްކިތް ދޮރުމަތީ ބާރުގަދަ ގޮވުމެއް ގޮއްވާލައިގެންނެވެ. އިއްޔެ ދިން މިހަމަލާގައި ގިނަ ބައެއް ޒަޚަމްވެފައިވާއިރު، ސީރިޔަސް ޒަޚަމް ލިބުނު ފަރާތްތަކަށް އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށް ތާލިބާނުން ބުނެއެވެ.

މިހާތަނަށް އެއްވެސް ބަޔަކު މިހަމަލާގެ ޒިންމަ އުފުލައިފައެއް ނުވެއެވެ.

ތާލިބާނުން އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހަމަލާގައި މަރުވެފައި ވަނީ އާއްމުން ކަމަށާއި ތާލިބާނަށް ނިސްބަތްވާ އެއްވެސް މީހަކު މަރުވެފައިނުވާ ކަމަށެވެ. އަދި ހަމަލާއަށް ފަހު ސެކިއުރިޓީގެ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށް ތާލިބާނުން ބުނެއެވެ.

މިހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ.

އޯގަސްޓް މަހު 15ވަނަ ދުވަހު އެމެރިކާއިން އަފްގާނިސްތާނުން ފޭބުމާ ގުޅިގެން އަފްގާނިސްތާނު ތާލިބާނުންގެ ބާރުގެ ދަށަށް ވަނީ ގެނެސްފައެވެ. އޭގެ ފަހުން ހައްދު ފަހަނަ އަޅައިފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސްއިން ދަނީ ތާލިބާނުންނަށް އަމާޒުކޮށް ހަމަލާތަކެއް ދެމުންނެވެ.

އޯގަސްޓް ފަހު ކޮޅުގައި އައިއެސްއިން ވަނީ ބާރުގަދަ ގޮވުމެއް ގޮއްވައިލާ އަފްގާނިސްތާނުގެ 169 މީހުންނާއި 13 އެމެރިކާގެ ސިފައިން މަރައިލައިފައެވެ. މިއީ އަފްގާނުގައި ފަހުގެ ތާރީޚެއްގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!