ޚަބަރު

ގާނޫނާ ހިލާފު އަމުރަށް ތަބާވާ ފުލުހުން އެއް އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ

ދެން އެމްވީ ، ދެން އޮންލައިން

ގާނޫނާ ހިލާފު އަމުރަށް ތަބާވާ ފުލުހުން އެއް އަހަރަށް ޖަލަށްލެވޭ ގޮތް ހެދުމަށް "ފުލުހުންގެ ހިދުމަތުގެ ބިލު" ގައި ހިމަނައިފިއެވެ.

Ads by STELCO

ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި މި ބިލުގައި ފުލުހުން ކުރާ ކުށްކުށާއި ގުޅޭގޮތުން ވަކި ބާބެއް ހިމަނާފައިވާއިރު އެ ބިލުގެ 133 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެއްވެސް ފުލުހަކު އެހެން ފުލުހެއްގެ މައްޗަށް ގާނޫނާ ހިލާފު އަމުރެއް ކުރުމަކީ ކުށެއް ކަމަށެވެ. އަދި އެއްވެސް ފުލުހަކު ގާނޫނާ ހިލާފު އަމުރަކަށް ކިޔަމަންވުމަކީ ވެސް ކުށެއް ކަމަށް ބުނެފައިވެއެވެ.

އެ ކުށުގެ އަދަބަކީ 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

އަދި އެ ގާނޫނުގައި ވަކި ކަމެއް ކުރުން ނުވަތަ ނުކުރުން އެއީ ޖިނާއީ ކުށެއް ކަމަށް ބަޔާންކޮށްފައި، އެ ކުށަށް އަދަބެއް ކަނޑައެޅިފައި ނުވާ ހާލަތުގައި އެ ކުށަށް ދެވޭނެ އަދަބަކީ 12 ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ފުލުހުން ވަޒީފާއަށް ފިލުމަކީވެސް ޖިނާއީ ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފައެވެ. އެގޮތުން ވަޒީފާ އިން ފިލި ކަމަށް ބެލެވޭނީ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުން އަމިއްލަ އަށް ބަރީއަވެ، ހަވާލުކޮށްފައިވާ ޑިއުޓީއެއް ހުއްދަނެތި ދޫކޮށް ދިއުމުން، ނުވަތަ ހުއްދަ ނުހޯދާ 14 ދުވަސް ވަންދެން ވަޒީފާ އަށް ހާޒިރުނުވެ ހުރުމުން، ނުވަތަ ކުއްލި ހާލަތެއްގައި އެމީހެއްގެ މައްޗަށް ހުރި ވެރިޔަކު ކުރާ އަމުރަކާ ހިލާފަށް ވަޒީފާ އަށް ނުނިކުމެ ހުރުމުން، ނުވަތަ ނިކުތުމަށް ދެކޮޅު ހެދުމުން، ނުވަތަ ބަޔަކާ ކުރިމަތިލާންޖެހޭފަދަ އޮޕަރޭޝަނަލް ހާލަތެއްގައި އެކަން އެނގި ހުރެ ފިލުމުން ނުވަތަ އަޅާނުލާ ހުރުމުންނެވެ.

އެގޮތުން އެކުށުގެ އަދަބަކީ 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ އެއް އަހަރަށް ޖަލަށް ލުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!