އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ ގިނަ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދަޢުވާ ކުރަމުން އަންނަ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަޙީދުގެ މައްޗަށް އުފުލި ދައުވާތަކުގެ ޝަރީޢަތް އޮންލައިންކޮށް ކުރިއަށް ނުގެންދަން ސުޕްރީމް ކޯޓުން އަންގައިފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި އަމުރުގައި ވަނީ، އަލީ ވަހީދުގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައިގައި ޕީޖީގެ ފަރާތުން އެކޯޓަށް ހުށަހެޅި މައްސަލައަށް އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އަލީ ވަހީދުގެ މައްޗަށް އުފުލައިފައިވާ މައްސަލަތަކުގެ އެއްވެސް އަޑުއެހުމެއް، އަދި ކުރިމިނަލް ކޯޓުން ބަލަމުން ގެންދާ އެ ނޫން މައްސަލައެއްގެ އަޑުއެހުމެއް ވެސް، ދައުވާ ލިބޭ ފަރާތް ރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް، އޯޑިއޯއާއި ވީޑިއޯ މެދުވެރިކޮށް ކުރިއަށް ނުގެންދިއުމަށް އަންގާ ކަމަށެވެ.
ޢަލީ ވަޙީދުގެ މައްޗަށް ދައުލަތުން ޖިންސީ ކުށުގެ ގިނަ ދައުވާތަކެއް އުފުލައިފައި ވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުން ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓު ދޫކޮށްފައެވެ. ޕާސްޕޯޓު ދޫކޮށްލެއްވުމާ އެކު އޭނާ ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އަދި، ޝަރީޢަތް އޮންލައިންކޮށް ހިންގަން އޭނާ އެދިވަޑައިގަތުމުން ކުރިމިނަލް ކޯޓުން ވަނީ އެ ފުރުޞަތު ވެސް ދީފައެވެ.
އެ މައްސަލައިގެ ޝަރީއަތަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ނުވެ އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި ނިންމުން ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން ކޯޓުން ވަނީ ސުޕްރީމް ކޯޓްގެ ޝަރީއަތަށް ހާޒިރުވުމަށް އޭނާއަށް ޗިޓު ފޮނުވައިފައެވެ. ނަމަވެސް އަލީ ވަހީދު ކޯޓަށް ހާޒިރުވެފައި ނުވާތީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި އޭނާގެ މައްޗަށް 2މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.