ޚަބަރު

ފެން ބިލު ނުދެއްކި ގިނަ ދުވަސް ވެފައިވާ މީހުނަށް ބޮޑު ލުޔެއް ދޭން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ބިލްތަކަށް ފައިސާ ނުދެއްކި ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ބޮޑު ލުޔެއް ދޭން ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ނިންމައިފި އެވެ.

Ads by STELCO

އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ބިލްތަކަށް ފައިސާ ނުދެއްކި ގިނަ އަދަދެއްގެ ބަޔަކު އެބަތިބި ކަމަށާއި، އެއްވެސް ރައްޔިތަކު ދަރަނީގައި ހުންނަން އެ ކުންފުނިން ނޭދޭ ކަމަށެވެ. އެހެންކަމުން މިހާރު ނުދެއްކި ހުރި ބިލްތަކަށް ފައިސާ ދެއްކޭނެ ލުއި ގޮތެއް ހޯދައިދޭން މެނޭޖްމަންޓާއި ބޯޑުން މަޝްވަރާކޮށް ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ޑޮމެސްޓިކް ކޮންނާއި ކޮމާޝަލްކޮށް ބިލުތަކަށް ފައިސާ ނުދައްކާ ޖުމްލަ 13،894 ކަސްޓަމަރުން އެބަތިބި ކަމަށާއި އެއީ އެ ކުންފުނީގެ ކަސްޓަމަރުންގެ މުޅި އަދަދުގެ 20 ޕަސެންޓް ކަމަށެވެ. އެހެންވެ ޑޮމެސްޓިކާއި، ކޮމާޝަލް ހިމަނައިގެން އެކުންފުންޏަށް ނުލިބިވާ ފައިސާ 131 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކުންފުނިން ވަނީ ބިލް ނުދެއްދިހުރި ފަރާތްތަކަށް 16 ޖޫން 2020 ގެ ކުރިން އެ ކުންފުންޏާ ވާހަކަ ދައްކާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ.

އެ މުއްދަތުގެ ކުރިން ބިލަށް އަރާފައިވާ ފައިސާގެ އަދަދު އެއްކޮށް ދައްކާ ކަމަށްވާނަމަ، ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ހުރިހާ އެއްޗެއް މާފުކޮށްދޭނެ އެވެ. އެބިލްތަކުގެ 50 ޕަސެންޓް ދައްކައިފި ނަމަ ޖޫރިމަނާގެ 50 ޕަސެންޓް އެމުއްދަތުގައި މާފުކޮށްދޭނެ އެވެ. އަދި އެ ބިލްތަކުގެ ބާކީ ނުދެއްކިވާ ބައި އިންސްޓޯލްމަންޓްގެ ގޮތުގައި ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްސައިދޭނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!