ޚަބަރު

ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުގައިވާ ޚިޔާނާތުގެ އެއްމިލިއަން ޑޮލަރު ދައުލަތަށް ނެގުމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅީ އެ ފައިސާ ލޯންޑަރ ކުރެއްވި ކަމަށް ހެކީންގެ ހެކިބަހުން އެނގެން އޮތް ކަމަށް ބުނެއެވެ.

ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެ ފައިސާ އަކީ އެސްއޯއެފް އިން ޖަމާކުރި ފައިސާ ކަމަށާއި އެ ފައިސާ އެ އެކައުންޓަށް ޖަމާކުރީ އެމަނިކުފާނަށް އެނގިވަޑައިގެން ނޫން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހިންގި ޝަރީއަތުގައި އެސްއޯއެފްގެ އެއްވެސް ބަހެއް ހޯދާފައިނުވާތީ އެމަނިކުފާނުގެ ގާނޫނީ ވަކީލު އާދަމް ޝަމީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައީސް ޔާމީންގެ މައްސަލަ ބެލުމުގައި ޝަރީއަތަށް ސާބިތުވާ ކަންތައްތައް އިއްވަވަމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ އެސްއޯއެފްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުން ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އޫއެސް ޑޮލަރުގެ އެކައުންޓަށް ދެފަހަރެއްގެ މަތިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމާއި، ރައީސް ޔާމީންގެ ފަރާތުން އެފައިސާ އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޖެނެރަލް އިންވެސްޓްމެންޓް ޕްލަސް އެކައުންޓަކަށް ޓްރާންސްފާކޮށް 36 މަސް ދުވަހުގެ މުއްދަތަށް އެ ފައިސާ އިންވެސްޓް ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ ފައިސާއަކީ އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ފައިސާއަކަށް ވާތީ މައްސަލަ ނިމެންދެން އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް ރައީސް ޔާމީން އެއްބަސްވި ނަމަވެސް އެ ފައިސާ އިންވެސްޓްކޮށްގެން ނަގަމުންދިޔަ މަންފާ ނެގުން ހުއްޓާނުލައި، އެހެން ގޮތަކުން ހޯދި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ރައީސް ޔާމީންގެ ފަރާތުން ޖަމާކުރިކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

ވަކި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގިފައިވުން، ނުވަތަ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭ ވަރުގެ އެކަށީގެންވާ ސަބަބުތަކެއް ހުންނަ ހާލަތުގައި ފައިސާ އަތުގައި ބެހެއްޓުމާއި، އެ ފައިސާ އޮޅުވާލުމާއި، އެ ފައިސާއިން މަންފާ ހޯދުމުގެ އަމަލަކީ މަނީ ލޯންޑަރިންގެ ކުށުގެ އަމަލުކަމަށް ވާއިރު ރައީސް ޔާމީންގެ ފަރާތުން މި އަމަލު ހިންގާފައިވާކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ސާބިތުވާތީ މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށުން ޔާމީން ކުށްވެރިވެއްޖެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!