އަޑު އަހައިގެން ޔައުމިއްޔާ ލިޔާ އެޕްލިކޭޝަނެއް މަޖިލީހުން އުފައްދަނީ

މަޖިލީހުގައި ދައްކާ ވާހަކަ އަޑުއަހައިގެން އޮޓޯއިން ލިޔެވޭނެ އެޕްލިކޭޝަނެއް ތަރައްގީކުރުމުގެ މަޝްރޫއެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފަށައިފިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރިޔާސަތު ބެއްލެވި ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު މިކަން އިއުލާން ކުރައްވައިފައެވެ. އެގޮތުން ނަޝީދު ވިދާޅުވީ މަޖިލީހުން އިސް ނަގައިގެން ޕްރޮޖެކްޓެއް ފަށައިފައިވާ ކަމަށެވެ. އެއީ "ހަންސާޑް" ނުވަތަ ވޮއިސް ރިކޮގްނިޝަނުން ޔައުމިއްޔާ ލިޔެވޭނެ އެޕްލިކޭޝަނެއް އުފެއްދުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
"ހަންސާޑް ނުވަތަ ޔައުމިއްޔާ ލިޔުން، ވޮއިސް ރިކޮގްނިޝަންގައި ކުރިއަށް ގެންދެވޭނެ އެޕްލިކޭޝަނެއް އުފެއްދުމަށް ބަޔަކާ އެކީގައި މަސައްކަތް ކުރަމުން" ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ މިމަސައްކަތަށް އަދި ދުވަސް ނަގާނެ ކަމަށާއި އެހެން ނަމަވެސް އެކަން މިހާރު ފެށިފައިވާ ކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ ޔައުމިއްޔާތައް ތަރުޖަމާ ކުރުމުގެ މަސައްކަތް ވެސް މަޖިލީސް އިދާރާއިން ކުރަމުން ގެންދާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ވެސްޓް މިނިސްޓަރ ފައުންޑޭޝަން ފޮ ޑިމޮކްރަސީ (ޑަބްލިއުއެފްޑީ)އާ އެކީގައި ވެސް މަޖިލިސް އިދާރާއިން ޕްރޮޖެކްޓެއް ހިންގާކަން ނަޝީދު މިއަދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ލޮކްސަބާއާއި ސްރީލަންކާގެ މަޖިލީހުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންއާއި އެކީގައި ވެސް ޕްރޮޖެކްޓެއް ހިންގާކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވަނީ މަޖިލިސް އިދާރާގެ މުވައްޒަފުން ރެއާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވައި އެކަމާ އުފާ ފާޅުކުރައްވާކަމަށް ވިދާޅުވެފައެވެ.