ވެށިފަހި މާލެ ޕްރޮގުރާމާ ގުޅިގެން މިނިސްޓަރުގެ އަތް ބަނދެވިފައި
2010ވަނަ އަހަރު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭރުގެ ސަރުކާރުން ފެށި "ވެށިފަހި މާލެ" ޕްރޮގުރާމް ކުރިއަށް ނުގެންދެވި "އަތް ބަނދެވިފައި" ވާކަމަށް ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި ދުވަސްވަރު ފެށި "ވެށިފަހި މާލެ" ޕްރޮގުރާމަކީ މާލޭގައި ކުދި ބިންކޮޅު ހުރި ފަރާތްތަކުން އެބިންކޮޅު ދޫކޮށްލުމުން އޭގެ ބަދަލުގައި ހުޅުމާލެއިން ގޯތި ނުވަތަ ގާކޮށި އަރަބިއްޔާއިން ފްލެޓު ދިނުމަށް ފެށި މަޝްރޫއެކެވެ. އޭރު ރައީސް ނަޝީދުގެ ސަރުކާރުން ވަނީ އެކަމުގެ ލިޔުންވެސް ބައެއް ފަރާތްތަކާ ހަވާލުކޮށްފައެވެ.
މިއަދުގެ މަޖިލީހަށް މިނިސްޓަރު އަސްލަމް ހާޒިރުވެވަޑައިގެންނެވުމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ މާލެއިން ބިންކޮޅު ދޫކޮށްލުމުން އޭގެ ބަދަލުގައި މާލެ ސަރަހައްދުން ބިންކޮޅެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބޭނެ ގޮތް ހަމަޖެއްސުމަކީ އެމްޑީޕީން ވެފައިވާ ވައުދެއް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެ ޕްރޮގުރާމު މިސަރުކާރުން ކުރިއަށް ގެންދަން ހަމަޖެހިފައިވޭތޯއާއި ކުރިއަށް ގެންދާނަމަ އެކަން ފެށޭނެ ތާރީހެއް ވިދާޅުވެދެއްވުމަށް ހަސަން އެދިވަޑައިގެންނެވިއެވެ.
ޖަވާބުގައި އަސްލަމް ވިދާޅުވީ މީގެ ކުރިން މަސައްކަތް ފެށުމަށް ފަހު ކުރިއަށް ނުގެންދެވި އޮތް "އަންސެޓްލްޑް ބިޒްނަސްއެއް" މިހާރު ވެސް އެބައޮތް ކަމަށެވެ. ބިން ނުވަތަ ބޯހިޔާވަހިކަން ދިނުމަށް ނިންމައިފައިވާ އެ މީހުންނަށް ތަން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް އަސްލަމް ވިދާޅުވިއެވެ.
"މިދިޔަ މަހު އަޑުގަނޑު އެންމެ ފަހުން ޗުއްޓީ ނެގުމުގެ ކުރިން އެބަ އޮތް އޭސީސީން ރައީސް އޮފީސް މެދުވެރިކޮށް އަންގާފަ އެބައޮތް އަޅުގަނޑަށް އެބޭފުޅުން ބައްލަވަންޖެހޭ ކަންތައްތައްކަމެއް ހުރުމުން އެމަސައްކަތް މަޑުޖައްސާލަން. އަޅުގަނޑު ކޮންމެވެސް ވަރަކަށް އަތް ބަނދެވިފައި މިހިރީ އެއައިގެން ކުރިއަށް ދިއުމަށް ޓަކައި" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ފެންނަ ގޮތުގައި އެމަސައްކަތް ކުރިއަށް ދާންޖެހޭ ކަމަށެވެ. އެހެން ނަމަވެސް މަސައްކަތް ކުރަންޖެހެނީ ރާއްޖޭގައި ހުރި ގާނޫނީ އެހެން މުއައްސަސާތަކުންވެސް ލާޒިމްކުރާ އެކީގައިކަމުން ވެށިފަހި މާލެ ޕްރޮގުރާމް ހުއްޓިފައި އޮތްކަމަށް އަސްލަމް ވިދާޅުވިއެވެ.
އެހެން ނަމަވެސް އަސްލަމް ވިދާޅުވީ މާލެއިން ބިންކޮޅު ދޫކުރާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވިސްނުން މިސަރުކާރުގެ އެބައޮތް ކަމަށެވެ. އެގޮތުން މިސަރުކާރުން ގުޅިފަޅުގެ ބިން ހިއްކައި ތަރައްގީކުރާ 12،000 ލޭންޑް ލޮޓުން ވެށިފަހި މާލެ ޒާތުގެ ޕްރޮގުރާމެއް ހިންގުމުގެ ވިސްނުން ގެންގުޅޭކަމަށް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފައެވެ.
މިދިޔަ 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ހައުސިންގް މިނިސްޓްރީން ވަނީ "ވެށިފަހި މާލެ" ޕްރޮގުރާމުގެ ދަށުން ލިޔުން ދިން ފަރާތްތަކުގެ މައުލޫމާތު ސާފުކުރަން އިއުލާން ކޮށްފައެވެ. އެގޮތުން މާލެއިން ބިންކޮޅު ދޫކޮށްލުމުން މިސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށް ނުދެވިވާ ފަރާތްތަކުގެ މައުލުމާތު ސާފުކުރަން އޭރު އިއުލާންކުރިއެވެ. އެހެން ނަމަވެސް އެމަސައްކަތް އިތުރަށް ކުރިއަށް ގޮސްފައެއް ނުވެއެވެ.