ހުކުރު ނަމާދާ ދިމާކޮށް މިއަދު ވެސް އަފްގާންގެ މިސްކިތެއްގައި ބޮމެއް ގޮއްވައިލައި ގިނަ ބަޔަކު ޝަހީދުކޮށްލަައިފި

އަފްގާނިސްތާނުގެ މިސްކިތެއްގައި މިއަދުގެ ހުކުރު ނަމާދު ކުރަމުން ދަނިކޮށް ބޮމެއް ގޮއްވައިލައިފިއެވެ.
އަފްގާނިސްތާނުގެ ކަންދަހާރުގެ މިސްކިތެއްގައި މިއަދުގެ ހުކުރު ނަމާދުކުރަމުން ދަނިކޮށް ބޮމެއް ގޮއްވައިލާ ދިން ހަމަލާގައި އެތައް ބަޔަކު ޒަހަމްވެފައިވާއިރު ޒަހަމްވީ މީހުންގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް މި ހަމަލާގައި ގިނަ ބަޔަކު ޝަހީދުވެފައިކަމަށް ބައިނަލް އަގުވާމީ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިހަމަލާ ދީފައި ވަނީ ހުކުރު ނަމާދުގެ ޖަމާއަތް ހިނގަމުން ދަނިކޮށް ކަމަށް ވުމުން ގިނަ ބަޔަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި ކަމަށާއި މުޅި މިސްކިތުގެ ތެރޭގައި ލޭ ހުރިކަމަށް ހަބަރުތައް ބުނެއެވެ.
އަފްގާންގެ މިސްކިތްތަކުގެ ޖަމާއަތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުން އިތުރު ވެފައިވާއިރު މިހަމަލާއާ އެކު އާއްމުންގެ ހިތްތަކުގައި އިންތިހާއަށް ބިރުވެރިކަން އުފެދިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
މިހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު ނަގައިފައެއް ނުވެއެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި މި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވެނީ އައިސިސްއަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދު ވަގުތުގައި ވެސް އަފްގާނިސްތާނުގެ ކުންދުޒްގެ މިސްކިތެއްގައި ވަނީ ޖާނު ގޮއްވައިލައިގެން ނުރައްކާތެރި ހަމަލާއެއް ދީފައެވެ. އެ ހަމަލާއަކީ އެގައުމުގެ ވެރިކަމަށް ތާލިބާނުން އައިފަހުން ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. އެހަމަލާގައި 100އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައި ގިނަ ބަޔަކު ވަނީ ޝަހީދުކޮށްލައިފައެވެ.