އެމްޑީޕީން އަނދުން ހުސެއިންގެ ވާހަކަ ކުށްވެރިކޮށް ފިޔަވަޅު އަޅަންޖެހޭ: ޖަމީލް
މާލޭގެ ރައްޔިތުންނަށް ބިން ނުލިބުމުގެ މައްސަލަ، ފަލަސްތީނު ރައްޔިތުންގެ ބިންތައް އެހެން ބަޔަކު ފޭރިގެންފައިވާ ފަދަ މައްސަލައެއްގެ ގޮތުގައި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސޭން) ސިފަކުރައްވާފައިވާތީ އޭނާ އަށް ފިޔަވަޅު އަޅަން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފިއެވެ.
ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އެމްޑީޕީން ކުށްވެރިކޮށް ފިޔަވަޅު ނާޅައިފިނަމަ އެ ޕާޓީން ގަބޫލުކުރާ ހަމަ ކަމަށް ބެލެވޭނެ ކަމަށެވެ. އަދި އަތޮޅުތެރޭ ރައްޔިތުންނާއި މެދު އެ ޕާޓީގެ އިސްވެރިންގެ ހަސަދަ އޮތް މިންވަރު ސާބިތުވާނެ ކަމެއް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
"މިއީ އެމްޑީޕީން ކުށްވެރިކޮށް ފިޔަވަޅު ނާޅާފިނަމަ އެ ޕާޓީ ގަބޫލުކުރާ ހަމައެއް ކަމަށް ބެލެވޭނީ. އަދި އަތޮޅު ތެރޭގައި ރައްޔިތުންނާއި މެދު އެ ޕާޓީގެ އިސްވެރިން ހަސަދަ އޮތް މިންވަރު ސާބިތުވާނެ ކަމެއް. ނިކަމެތި ހާލުގައި ގުރުބާން ވަނީ ކިތައް ރައްޔިތުންތޯ." ޖަމީލު ވިދާޅުވިއެވެ.
ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން ހުސެއިން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ފްލެޓެއް ނުވަތަ ބިންކޮޅެއް ނުލިބޭތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށާއި ކޮންމެ ސަރުކާރަކުން ވެސް މާލެ ހިއްކުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެ ތަންތަނަށް ވަޒަންވެރި ކުރުވާއިރު މާލޭ މީހުން ތިބީ ތިބިގޮތަށް ކަމަށެވެ.
"އެހެންވީމަ މިއީ ހަމަ ގާތްގަނޑަކަށް މި ތަނަށް (މާލެ) ދިމާވެފައި މިއޮތީ ފަލަސްތީނަށް ދިމާވެފައި އޮތް ކަހަލަ ކަމެއް. މާލޭގެ ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި ވަރަށް ބަސްއަހާ ބޭފުޅުން. އެހެންކަމާއެކީގައި ވެރީންގެ ބަސް އަހައިގެން އެ ބޭފުޅުން އެ ތިއްބަވަނީ. ވެރިން ރަނގަޅު ގޮތަށް ކަންކޮށްދެއްވާނެ ކަމުގެ އިތުބާރާއި ޔަގީންކަމާއެކީގައި" ހުސެއިން ވިދާޅުވިއެވެ.
މާލެއަށް ދިމާވެފައިވަނީ ފަލަސްތީނަށް ދިމާވެފައިވާ ފަދަ ފަލަސްތީނަށް ދިމާވެފައިވާ ފަދަ ހާލަތެއް ކަމަށް ހުސެއިން ވިދާޅުވުމުން ސޯޝަލް މީޑިއާގައި އޭނާ އަށް އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.