ޚަބަރު

ދިރާގާއި އުރީދޫ ނޫން ކުންފުންޏެއް އަންނަން ޖެހޭ: އީވާ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ދެ ކުންފުނި ކަމުގައިވާ އުރީދޫ އާއި ދިރާގުން އެކަށީގެންވާ ރަނގަޅު ހިދުމަތެއް ނުދެވޭ ކަމަށާއި އެ ދާއިރާއަށް އިތުރު ކުންފުންޏެއް ގެންނަން ޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ސަރުކާރުގެ ފަރާތުން، މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި "ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަން އުފެއްދުމުގެ ބިލު"ގެ ބަހުސްގައި އީވާ ވިދާޅުވީ، ދިރާގާއި އުރީދޫން ދޭ ޚިދުމަތުގެ ފެންވަރު ދަށް އިރުގައި އެހެން ގައުމުތަކާ އަަޅާ ބަލާއިރު އަގު ވެސް ރަނގަޅު ނޫން ކަމަށެވެ. މާލެ ފިޔަވައި އެހެން ސަރަހައްދުތަކަށް އެ ދެކުންފުނިން ދޭ ޚިދުމަތުގެ ފެންވަރު ދަށްކަން ހުރި މިންވަރު ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި، އެ ސަރަހައްދުތަކަށް ހަގީގަތުގައި ޚިދުމަތް ނުވެސް ލިބޭ އެވެ.

އީވާ ވިދާޅުވީ، ރާއްޖޭގައި ރަނގަޅު މުވާސަލަތީ ހިދުމަތެއް ނުލިބިގެން އުޅޭ ސަބަބަކީ އެ ދާއިރާގައި މޮނޮޕޮލީއެއް އޮތުން ކަމަށެވެ. މޮނޮޕޮލީއެއް އޮތުމުން ހިދުމަތް ރަނގަޅުކޮށް ވީ އެންމެ ކުޑަ އަގެއްގައި ގެންނަން އެ ހިދުމަތް ދޭ މަދު ކުންފުނިތަކަށް މަޖުބޫރު ނުވާ ކަމަށާއި މުވާސަލާތީ ހިދުމަތާއި އިންޓަނެޓްގެ ހިދުމަތް ރަނގަޅު ނުވެ އޮތީ އެ ސަބަބާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި އިއްޒަތްތެރި ރައީސް، މީޑިއާތަކުން ވެސް އެ ކުންފުނިތަކުގެ ވާހަކައެއް ލިޔާކަށް ވެސް ނުވެސް ކެރޭ. އުރިދޫ އޭ، ދިރާގޭ ވަތައްނިއްޔާއޭ، އަދި ނުވަތަ އަޅުގަނޑުމެންގެ ސަރުކާރުގެ ޔޫޓިލިޓީ ކުންފުނިތަކޭ ކިޔައިގެން ވެސް ވާހަކައެއް، ދެކޮޅަށް ވާހަކައެއް ޖަހާލާތަނެއް އަޅުގަނޑަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

އީވާގެ އިތުރުން ބިލަށް ބަހުސް ކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވެސް ވަނީ އިންޓަނެޓްގެ ހިދުމަތް ރަނގަޅުނުވެ އަގު ތިރި ނުވެގެން އުޅޭ ސަބަބަކީ މޮނޮޕޮލީ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ދިރާގާއި އުރީދޫގެ ހިއްސާތައް ވެސް ގާތްގަނޑަކަށް އެއް ބަޔަކު ގަނެގެން އުޅޭ ކަމަށާއި، ދެ ކުންފުނިން ގުޅިގެން ބައެއް މަސައްކަތް ކުރަމުންދާތީ ވެސް މާރުކޭޓުގައި ހިދުމަތް ދޭން ތިބީ އެއް ބަޔަކު ކަން ސާފުވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!