އިންޑިއާއިން އިސްރާއީލާއެކު ފްރީ ޓްރޭޑް އެގްރީމެންޓަކަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނޮވެމްބަރު މަހުން ފެށިގެން އަލުން ފެށުމަށް އިންޑިއާއާއި އިސްރާއީލުން އެއްބަސްވެެއްޖެއެވެ.
އިންޑިއާއާއި އިސްރާއީލުން މަސައްކަތް ކުރަނީ 2022 ވަނަ އަހަރުގެ މެދުތެރޭގައި އެއްބަސްވުމެއްގައި ސޮއިކުރުމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން މިވީ ހަތް އަހަރުގެ ތެރޭގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ސްޓްރެޓީޖިކް، އަސްކަރީ އަދި ޓެކްނޮލޮޖީގެ ގިނަ ޕާޓްނަޝިޕްތަކެއް ވަނީ އުފެދިފައެވެ.
މިނިވަން ވިޔަފާރީގެ މަޝްވަރާތައް އިޢުލާންކޮށްފައި ވަނީ އެ ދެ ޤައުމުގެ ޚާރިޖީ ވަޒީރުން އިސްރާއީލްގައި ބައްދަލުކުރެއްވުމަށް ފަހުގައެވެ. މިބައްދަލުވުގައި ވެކްސިން ސެޓްފިކެޓްތައް ދެޤައުމުން ބަލައިގަތުމާއި، ފެނާއި ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ފުޅާކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.
އިސްރާއީލާ އެކު އިންޑިއާއިން ގުޅުން ބަދަހި ކުރަން ނިންމައިފައިވާއިރު، އިސްލާއީރުން މިއަހަރު ވެސް ވަނީ ފަލަސްތީނުގެ ގިނަ އާއްމުން ޝަހީދުކޮށްލައިފައެވެ. މިކަމާ ގުޅިގެން ޤައުމު ބައެއް ޤައުމުތަކުން އިސްރާއީލާ އެކު އޮތް ގުޅުންތައް ވަނީ ކަނޑައިލައިފައެވެ.
އިންޑިއާއިން އަމާޒު ހިފައިފައި ވަނީ އޮސްޓްރޭލިއާ، ޔޫއޭއީ، އިނގިރޭސިވިލާތް އަދި ކެނެޑާ ފަދަ ގިނަ ގައުމުތަކަކާ އެކު ވިޔަފާރީގެ އައު ޑީލްތަކެއްގައި ސޮއިކޮށް، އެކްސްޕޯޓް އިތުރުކޮށް، ކޮރޯނާ ވައިރަހުގެ ސަބަބުން އެ ގައުމަށް ކުރިމަތިވި މަޑުޖެހުން އަވަސްކުރުމަށް އެހީތެރިވުމަށެވެ.