ކެމިކަލް ގުދަންތަކުގެ ސަލާމަތީ ބައެއް ކަންކަން ފުރިހަމަ ކުރަން އިތުރު މުއްދަތެއް ދީފި
ކެމިކަލް ގުދަންތަކުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަން އިތުރަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފި އެވެ.
މާލޭގެ އަބަދަށްފެހި މަގުގައި މި އަހަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާއަށް ފަހުގައި ސަރުކާރުން ވަނީ ކެމިކަލް ގެންގުޅާއި ވިއްކުމާއި އުފުލުމާއި ގުދަން ކުރުމަށް ހާއްސަ ގަވާއިދެއް އެކުލަވާލައި ކެމިކަލް ގުދަންތައް ވަކި ހާއްސަ މިންގަނޑެއްގައި ބަހައްޓަން ލާޒިމުކޮށް އެ މިންގަނޑަށް ގުދަންތައް ފައްތަން އަންގާފަ އެވެ.
ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ކެމިކަލް ގުދަންތަކުގައި ފުރިހަމަވާން ޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރަން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ތިން މަހުގެ އިތުރު މުއްދަތެއް ދީފައިވާ ކަމަށެވެ.
ޑިފެންސް މިނިސްޓްރީގެ އެ އިއުލާނުގައިވާ ގޮތުން ކެމިކަލް ގުދަންތަކުގެ އެތެރޭގައި ހުންނަ ޕާޓިޝަންތަކާއި ބޭރު ފާރުތަކާއި ދޮރުތަކަކީ މަދުވެގެން 90 މިނެޓްގެ ފަޔާ ރެސިސެންޓް މެޓީރިއަލަކުން ހުންނަން ޖެހޭނެ އެވެ. އަދި ގުދަންތަކުގައި އެމްއެންޑީއެފުން ކަނޑައަޅާ ގޮތެއްގެ މަތިން އެކްޓިވް އަދި ފެސިވް ފަޔާ ޕްޓެކްޝަން ނިޒާމެއް ވެސް ގާއިމު ކުރަން ޖެހެ އެވެ.
މުއްދަތު އިތުރުކޮށްދިނީ އެ ދެ ކަންތައް ގުދަންތަކުގައި ފުރިހަމަ ކުރުމަށް ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އަބަދަށްފެހި މަގުގައި މި އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ އެތައް ގެއެއް ވަނީ އަނދައި ހުލިވެފަ އެވެ.