ޚަބަރު ޝަރުޢީ ދާއިރާ

އެކްސިޑެންޓެއްގައި ނިޔާވި ކުއްޖެއްގެ މަރުގެ ދިޔައަށް އެއް މިލިއަންރުފިޔާ ދައްކަން ހުކުމް ކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

2014 ވަނަ އަހަރު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ހަތަރު އަހަރުގެ ކުއްޖަކު ނިޔާވި މައްސަލައިގައި މަރުގެ ދިޔައިގެ ގޮތުގައި އެއްމިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން މީހެއްގެ މައްޗަށް ހުކުމް ކޮށްފިއެވެ.

Ads by Sosun Fihaara

މީގެ ހަތް އަހަރު ކުރިން މި އެކްސިޑެންޓް ހިނގައިފައި ވަނީ އެ ދުވަހުގެ ހަވީރު 5.37 ހާއިރު މަޖީދީ މަގުގެ ހުޅަނގުން އިރަށް ބާރު ސްޕީޑެއްގައި ގަވާއިދާއި ހިލާފަށް، މަގުގެ ކަނާތްފަޅިން ޕިކަޕް ދުއްވައިފައި ދަނިކޮށް، އެ މަގުން އިރުން ހުޅަނގަށް ދުއްވައިފައި ދިޔަ ދެ ސައިކަލު އެކްސިޑެންޓްވެގެންނެވެ. މިއެކްސިޑެންޓްގައި ނިޔާވެފައި ވަނީ ސައިކަލްގެ ފަހަތުގައި އިން ކުޑަކުއްޖާއެވެ.

މިމައްސަލައިގައި ދައުލަތުން ދައުވާކުރީ ހ. ހެޕީނައިޓް އިރުމަތީބައި މުހައްމަދު އާދަމްގެ މައްޗަށެވެ. ދައުލަތުން މުހައްމަދުގެ މައްޗަށް ކުރީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ. މިމައްސަލައިގައި ދައުވާ ލިބުނު މުހައްމަދު އާދަމް ބުނެފައިވާ ގޮތުގައި މިހާދިސާ ހިނގަން މެދުވެރިވީ ސަބަބަކީ އޭނާގެ ބަނޑާއި އުނަގަނޑަށް އެރި ތަދެއްގެ ސަބަބުންނެވެ. އެހެން ނަމަވެސް އޭނާގެ މެޑިކޯ ލީގަލް ރިޕޯޓުން މިފަދަ ކަމެއް ފެނިފައި ނުވާކަމަށް އޭނާގެ މައްޗަށް އިއްޔެ ކުރި ހުކުމުގައި ވަނީ ބުނެފައެވެ.

އެ ހާދިސާ ހިނގުމުގައި މުހައްމަދު އާދަމްގެ އިހުމާލު އޮތްކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި، ހުށަހެޅި ގަރީނާތަކުން ޝަރީއަތަށް ސާބިތުވާއިރު މިހާދިސާގައި އަނިޔާވި ހަތަރު އަހަރުގެ ޝަދުވާން ޝާފިއުއަށް ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. މިމައްސަލައިގައި މަރުގެ ދިޔަ ބޭނުންކަމަށް ޝަދުވާންގެ މަންމައާއި ބައްޕަ ބުނެފައިވާތީ މުހައްމަދު އާދަމް، ޝަދުވާންގެ މަރުގެ ދިޔައިގެ ގޮތުގައި އެއްމިލިއަން ރުފިޔާ 5 އަހަރުގެ ތެރޭގައި ސިވިލް ކޯޓަށް ދަައްކަައި ދެމަސް ދުވަހު ރޯދަ ހިފުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!