ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އައްޑޫ އަދި ފުވައްމުލަކު ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ހެނދުނު ފުވައްމުލަކު ސިޓީއަށް ވަޑައިގެން، އެ ސިޓީގެ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
މިއަދުގެ މި ބައްދަލުކުރެއްވުމުގައި ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ހޮސްޕިޓަލުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރާ ބުރަ މަސައްކަތް ކައުންސިލުން ފާހަގަކުރައްވާކަން ހާމަކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ފުވައްމުލަކު ސިޓީގައި ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ހިނގަމުންދާ ކަމަށާއި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނީ ރަށުގެ ތަރައްޤީއަށް ކުރެވޭ އެންމެހައި މަސައްކަތްތަކަކީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ހިނގާ ކަންކަން ކަމުގައި ވެގެންދިއުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ފުވައްމުލަކު ސިޓީގެ ތަރައްޤީގެ އެންމެހާ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވާ މަސައްކަތްތަކެއް ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިއަދުގެ މި ބައްދަލުވުމުގައި ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަމާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ފުވައްމުލަކު ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތާއި މޮޑެލް ސްކޫލް ކޮންސެޕްޓަށް ސްކޫލް ތަރައްޤީކުރުމާއި ހޮސްޕިޓަލަށް އިތުރުކުރަން ބޭނުންވާ ބައެއް ޚިދުމަތްތަކާ ބެހޭ ވާހަކަތައް ހިމެނެއެވެ.
މީގެ އިތުރުން ވެސް ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ފުވައްމުލަކު ސިޓީގެ ޕަވަރ ހައުސްގެ މަސައްކަތާއި ލަފާ ފުރުމުގެ މައްސަލައިގެ އިތުރުން ރައްކާތެރިކަމާ އެކު މޫދަށް ދެވޭނެގޮތެއް ނެތުމާއި ސްކޫލް ކުދިންނަށް ޓެބްލެޓްތައް ބޭނުން ކުރުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ފުވައްމުލަކާއި ހުވަދު އަތޮޅާ ދެމެދު އޮތް ގުޅުން ކެނޑިފައިއޮތުން ފާހަގަކުރައްވައި އެ ކަންކަން ހައްލުކުރުމަށް ކުރެވެން ހުރި ކަންކަމާ މެދު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އެކު މަޝްވަރާ ކުރައްވައިފައިވެއެވެ.
މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލުން ބައެއް މަޝްރޫޢުތަކާ ބެހޭ ގޮތުން ސާފުކުރަން ބޭނުންވި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތު އެ ފަރާތްތަކާ ހިއްސާ ކުރައްވައިފައެވެ. ކައުންސިލްގެ ފަރާތުން މިއަދު ފާހަގަކުރެއްވި ކަންކަމަށް ހައްލުހޯދުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކުރެވެން ހުރި ކަންކަން ދެނެގަނެ އެފަދަ އެހީތެރިކަމެއްވާ ނަމަ އެކަން ހައްލުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް އެ އިދާރާތަކާ ގުޅިގެން ކުރިޔަށް ގެންދަވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒަށް އިތުރުކުރެވޭ ބައިގެ ބިން ބައްލަވައިލައްވަން ވަޑައިގެންފައެވެ.