ނައިބު ރައީސް ފައިސަލް ނަސީމް މިހާރު ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އައްޑޫސިޓީގެ ހިފްޡް ކޮމިޓީ އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިއަދު އައްޑޫ ސިޓީގެ ހިފްޡް ކޮމިޓީ އިފްތިތާޙްކޮށްދެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނައިބު ރައީސް މިހާރު ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އައްޑޫ ސިޓީ ސްކޫލްތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު އައްޑޫ ހައިސްކޫލްގައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހެޔޮ ގޮތުގައި ދަރިވަރުން ތަރުބިއްޔަތުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަދު މެންދުރުކުރީގައި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން އެ އިދާރާގެ ޙާލަތު ބައްލަވައިލައްވައިފައެވެ. އައްޑޫ ސިޓީގައި ފުލުހުންނަށް ދިމާވެފައިވާ ދަތިތަކުގެ މަޢުލޫމާތު އެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވައިފައެވެ. އެ ބޭފުޅުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ވެހިކަލް މަދުވުމާއި އިމާރާތުގެ ދަތިކަން ހިމެނެއެވެ.