ޚަބަރު

ވައިރަހާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތައް ހަރުދަނާކުރަން މަޝްވަރާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރައީސް ސޯލިހު މިހެން ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ކުރެއްވި މަޝްވަރާތަކުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި އަދި އިތުރަށް އަޅުއްވަންޖެހޭ ފިޔަވަޅުތަކާބެހޭގޮތުން ކަމާބެހޭ ވަޒީރުން ވާހަކަފުޅުދެއްކެވިއެވެ. އަދި ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އަދިވެސް ބޮޑުކަމާއި މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުން ދިޔުމާއެކު، މިކަމަށް ދޭންޖެހޭ ސަމާލުކަމާއި އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން މެންބަރުން ފާޅުކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ އިތުރުން މި ސަރަޙައްދުގެ އެހެން ޤައުމުތަކުގައިވެސް ކޮރޯނާ ވައިރަސް މިހާރުވެސް ފެތުރެމުންދިޔުމާއެކު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް މި ދެއްވަނީ، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި ވިދާޅުވިއެވެ.

އަދި ރާއްޖެއިން ބޭރުން ވައިގެ މަގުން އަންނަ ފަތުރުވެރިންނާއި ކަނޑުމަގުން އަންނަ އުޅަނދު ފަހަރު ޗެކްކުރުމުގެ މަސައްކަތްވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މެދުގައި، މިބަލީގެ ނުރައްކާތެރިކަމާއި، ބަލީގެ ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެއަށް އަމާޒުކުރައްވައިގެން ކަމާބެހޭ ދާއިރާތަކުން ހިންގަވާ ޕްރޮގުރާމުތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވައި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދެވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!