މުވައްޒިފުންނަށް ބިރު ދެއްކުން ބަލައިނުގަނެވޭނެ: ޓޫރިޒަމް މިނިސްޓްރީ
ޓޫރިޒަމް މިނިސްޓްރީގެ ސިވިލް ސާވިސް އެއްވެސް މުވައްޒިފަކަށް ބިރު ދެއްކުމުގެ ގޮތުން ކުރެވޭ އެއްވެސް އަމަލެއް ބަލައިނުގަންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިހެން ބުނެފައިމިވަނީ ޓުއަރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީއަށް ދޫކޮށްފައިވާ ރަށްތަކުގެ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން އެދުމުން، އެމިނިސްޓްރީން އެ މަޢުލޫމާތުތައް ހާމަނުކުރި މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު އާއްމުކޮށް ހުޅުވާލައިގެން އަޑުއެހުމެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ.
އެ އަޑުއެހުމަށް ޓުއަރިޒަމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ހާޒިރުވެފައިނުވާއިރު އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް ވަނީ އެ އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީން ހާޒިރު ނުވުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ވިދާޅުވެފައެވެ. އަދި މާއްދާ 29 ނެގެހެއްޓުމަށް ގާނޫނުން ލިބިދޭ ބާރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށްވެސް ފިޔާޒު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިނިސްްޓްރީގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ރައްޔިތުންގެ އިތުބާރާއި، ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކޮށް ތިބި ފަރާތްތަކުގެ އިތުބާރު ދަމަހައްޓާ ނަގަހައްޓާނެ ކަމަށެވެ. އަދި ޓްރޭޑް ޔޫނިއަނުން މައުލޫމާތު ހޯދުމަށް ހުށައެޅުމުން އެކަމަށް ޖަވާބުދީފައިވާނެ ކަމަށާއި ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު ޓްވިޓާގައި ހާމަކުރެއްވި މައުލޫމާތުތަކާ މެދު ކަންބޮޑުވާ ކަމަށްވެސް ބުނެފައިވެއެވެ.
"ހަމައެއާއެކު، މިމިނިސްޓްރީގެ ސިވިލްސާވިސް އެއްވެސް މުވައްޒިފަކަށް ބިރު ދެއްކުމުގެ ގޮތުން ކުރެވޭ އެއްވެސް އަމަލެއް، މިމިނިސްޓްރީން ބަލައިނުގަންނާނެ ކަމަށް ދެންނެވީމެވެ. އަދި މި މިނިސްޓްރީގެ ޕޮލިސީ ލެވެލްގެ ކަންކަމުގައި ޒިންމާވެ، ޖަވާބުދާރީވާނީ މިނިސްޓަރު އަދި މިނިސްޓްރީގެ ސިޔާސަތު ނިންމާ ޕޮލިސީ މުވައްޒިފުން ކަމުގައި ދެންނެވީމެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިމައްސަލައިގައި އިތުރަށް ސާފުކުރަން އޮތް މައުލޫމާތެއް ވާނަމަ، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީގައި ނުވަތަ ޝަރުއީ ކޯޓެއްގައިވެސް ޖަވާބުދާރީވާން ތައްޔާރަށް އޮތްކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.
މައުލޫމާތު ހޯދުމުގެ ހައްގާއި، ރައްޔިތުންގެ ހައްގަކީ "ކުޅޭކުޅޭ" އެއްޗެއް ނޫންކަން ގަބޫލުކުރާ ކަމަށާއި މިސަރުކާރު ވެރިކަމާ ޙަވާލުވިފަހުން ޓުއަރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުތައް ދެފުށް ފެންނަ އުސޫލެއްގެ މަތިން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.