މައްސަލަތައް ހައްލުކުރަން ރައްޔިތުން އެއްބައިވުމަށް ރައީސް ގޮވާލައްވައިފި
ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރަން، ސުނާމީ ކާރިސާގައި ރައްޔިތުން ދެއްކި އެއްބައިވަންތަކާއި އަޅައިލުމުގެ ނަމޫނާ ކުރިއަށް ނެރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގޮވާލައްވައިފި އެވެ.
ރައީސް މިކަމަށް ގޮވާލެއްވީ ވީ މިއަދު ފާހަގަކުރަމުންދާ ދިވެހިންގެ އެއްބައިވަންތަ ކަމުގެ މުނާސަބަތުގައި ތ.ވިލުފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މުޅި ގައުމުގެ ހާލަތަށް ބަލާއިރު އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއަށް ނެރެގެން މެނުވީ ހައްލުކުރަން ދަތި ކިތަންމެ މައްސަލަތަކެއް މިއަދު އެބަހުރި ކަމަށެވެ. އޭގެތެރޭގައި ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުތަކާއި ހިންގާ ހަރުކަށި އަމަލުތަކާއި، ދީނަށް އިހާނާތްތެރި ކުރުމުގެ މަސައްކަތާއި، މާރާމާރީތަކާއި ގޭންގު ކުށްތަށް އަދި މަސްތުވާތަކެތީގެ މައްސަލަތައް ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން މިފަދަ ކަންކަމަކީ ގާނޫނުތައް ނެތިގެން ނުވަތަ އަދަބުތައް ކަނޑައެޅިފައި ނެތުމުން ހިނގާ ކަންތައްތަކެއް ނޫން ކަމަށާއި މި ބާވަތުގެ ކޮންމެ ކަމަކީވެސް ފަރުދީ ޒިންމާއަށް އިހުމާލުވުމުގެ ނަތީޖާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު އަޒުމަކަށް ހަދަންވީ މިފަދަ ހުރިހާ ކަމަކަށް ފާޅުގައި ދެކޮޅު ހަދާ، އެފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރުން ކަމަށާއި މިފަދަ ކަންކަން ހުއްޓުވޭނީ މުޅި މުޖުތަމައު މި ކަންކަމާ ދެކޮޅު ތެދުވެގެން ކަމަށެވެ.
"ކުރިން މި ދެންނެވި ފަދަ ނޭއްގާނީ އަމަލުތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ވެސް އަޅުގަނޑު ދަންނަވާލަން އޮތީ އަދި ވަގުތު ފާއިތެއް ނުވެއޭ. މިހާރު ތިޔަ ހިންގާ ނުރަނގަޅު މަގު ދޫކޮށް އިސްލާހުގެ މަގު ހިޔާރުކުރާށޭ. އެކަހެރިވުމާއި ވަކިވެ ގޮތުމުގެ ގޮތްތައް ދޫކޮށް އިޖުތިމާއީ މިންގަނޑުގެ ތެރެއަށް ވަނުމަށް ސަމާލުކަން ދޭން." ރައީސް އިލްތިމާސް ކުރެއްވިއެވެ.
އެއްވެސް ދިވެއްސަކަށް ދެރަ ގޮތެއްވާން ނޭދޭ ކަމަށާއި އިސްލާހުގެ މަގު ހިޔާރު ކުރުމުން ދެ ދުނިޔޭގައި ވެސް ކާމިޔާބާއި ބާއްޖަވެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއްބައިވަންތަ ކަމުގެ ދުވަހެއް ފާހަގަކުރާއިރު މިއަދު އެއްބައިވާން ޖެހިފައިވަނީ މިފަދަ ކަންކަމާ ދެކޮޅަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ވިލުފުށީގައި ހެދި އެއްބައިވަންތަކަމުގެ ބިނާ ހުޅުއްވައިދެއްވާފައެވެ.