ވިލިމާލޭގައި ދުއްވާ ބެޓެރީ ވެހިކަލްތައް ކައުންސިލްގައި ރަޖިސްޓްރީކުރަން އަންގައިފި

ވިލިމާލޭގައި ދުއްވާ ބެޓެރީ ވެހިކަލްތައް ކައުންސިލްގައި ރަޖިސްޓްރީކުރަން އަންގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތައް އިއްޔެއިން ފެށިގެން 15 ދުވަހުގެ ތެރޭގައި ކައުންސިލްގައި ރަޖިސްޓްރީވުމަށް އަންގާ ކަމަށެވެ. އަދި ރަޖިސްޓްރީ ވުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހު ހަމަ ވާނެ ކަމަށް ކައުންސިލުން ބުނެއެވެ.
ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ ދަފްތަރެއް މާލެ ސިޓީ ކައުންސިލްގައި އެކުލަވައިލާން ނިންމައިފައި ވަނީ ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ އަދަދު އިތުރުވަމުންދާތީ ކަމަށް ކައުންސިލުން ބުނެއެވެ.
އުޅަނދު ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލުގެ ވެބްސައިޓުގައި އެކަމަށް ކަނޑައެޅިފައިވާ ލިންކުން ރަޖިސްޓްރީ ކުރެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.