ކައިވެނި ކުރުމާ ދެކޮޅަށް ވާހަކަ ދެއްކިތާ 4 މަސްފަހުން މަލާލާ ކައިވެނިކޮށްފި
ކައިވެނި ކުރުމާއި ދެކޮޅަށް ވާހަކަ ދެއްކިތާ ހަތަރުވަރަކަށް މަސްފަހުން މަލާލާ ޔޫސަފްޒާއި ކައިވެނިކޮށްފިއެވެ.
ނޯބެލް ޕީސް ޕްރައިޒްވެސް ހާސިލް ކޮށްފައިވާ މަލާލާ ކައިވެނިކޮށްފައި ވަނީ ބްރިޓިސްގައި ހުންނަ އޭނާގެ ގޭގައި މަލާލާއާއި ފިރިމީހާގެ އާއިލާ މީހުންގެ ހާޒިރުގައެވެ. މަލާލާ ކައިވެނިކޮށްފައި ވަނީ ޕާކިސްތާނުގެ ކްރިކެޓް ޓީމްގެ ބޯޑްގެ ޓޮޕް ރޭންކްގެ މެމްބަރެއްކަމުގައިވާ އައްސާރު މާލިކްއާއެވެ.
އަންހެން ކުދިންނަށް ތައުލީމު ދިނުން ހުއްޓުވުމަށް ތާލިބާނުން ކުރާ މަސައްކަތާ ދެކޮޅަށް ކުރި މަސައްކަތުގެ ސަބަބުން އުމުރުން 15 އަހަރުގައި ތާލިބާން ހަނގުރާމަވެރިންގެ އަމާޒަކަށްވެ ލިބުނު ބަޑީގެ ހަމަލާއެއްގައި ބޮލަށް ބަޑި ޖެހުމުގެ ސަބަބުން ދުނިޔޭގެ ސަމާލުކަން ލިބި އޭނާއަށް ބޮޑެތި ގައުމުތަކުން ވަނީ ހިމާޔަތްދީފައެވެ.
އުނގެނުމުގެ ފުރުސަތު އަންހެން ކުދިންނަށް ހޯދައި ދިނުމަށް މަލާލާގެ ކެމްޕޭން ފެށިއިރު ތާލިބާނުންގެ އަމުރުތަކާ ގުޅިގެން ގިނަ އަންހެން ކުދިންނަކަށް ސްކޫލްތަކަކަށް ނުދެވެއެވެ. އަންހެން ކުދިންނަށް ހާއްސަ މަދަރުސާތަކުގައި ބޮން ހަރުކޮށްގެން ގޮއްވުމަކީ ވެސް އޭރު ތާލިބާނުން ކުރަމުން ދިޔަ ކަމެކެވެ.
ކައިވެނި ކުރުމަކީ މުހިންމު ކަމެއް ނޫން ކަމަށާއި އެކުގައި އުޅުމަށް އެގްރީމެންޓެއްގެ ބޭނުން ނުވާނެކަމަށް ބުނެ މިިދިޔަ ޖުލައި މަހު މަލާލާ ދެއްކި ވާހަކައަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.