މަލާލާގެ ރާގު ބަދަލުވެއްޖެ، މިހާރު ބުނަނީ ކައިވެނި ކުރުމާ ދެކޮޅު ނޫން ކަމަށް
ކައިވެނި ކުރުމުގެ މަޤްޞަދެއް ނޭނގޭ ކަމަށް ބުނުމަށް ފަހު، އޭގެ ދެތިން ހަފްތާފަހުން ކައިވެނި ކުރި، އެންމެ ހަނގު އުމުރުގައި ނޯބަލް ޕީސް ޕްރައިޒް ހޯދި މަލާލާ ޔޫސުފްޒާއީގެ ވާހަކަތައް ބަދަލުކޮށްފިއެވެ.
ވޯގްއަށް ދިން އިންޓަވިއުއެއްގައި މަލާލާ ބުނެފައި ވަނީ، ކައިވެނި ކުރުމުގެ ބޭނެއް ނޭނގޭ ކަމަށާއި ކޮންމެހެން ލިޔުމެއްގައި ސޮއިކޮށް އެއްބަސްވުންތަކެއް ނުހެދި ނަމަވެސް ބައިވެރިޔާއާ އެކު ލޯބިން އުޅެވޭނެ ކަމަށެވެ. އެ އިންޓަވިއުދިންތާ ތިން ހަފްތާ ފަހުން މަލާލާ ވަނީ ކައިވެނިކޮށްފައެވެ. މިއާ އެކު އޭނާއަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައެވެ.
ފާޑު ކިޔުންތަކާ ގުޅިގެން، ބީބީސީއަށް ދިން އިންޓަވިއުއެއްގައި މަލާލާ ބުނެފައި ވަނީ އޭނާއަކީ އެއްވެސް އިރެއްގައި ކައިވެނި ކުރުމާ ދެކޮޅަށް އުޅުނު މީހެއް ނޫން ކަމަށާއި ނަމަވެސް ބައެއް ކަންބޮޑުވުންތައް ހުރި ކަމަށާއި އޭގެ ތެރޭގައި ކައިވެނި ކުރުމަށް ފަހު "ބާރުގެ ހަމަހަމަކަން ނެތުމާ" ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ވެސް ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް އޭނާ ކައިވެނިކޮށްފައި ވަނީ، އޭނާގެ އަގު ވަޒަން ކުރަން އެނގޭ ފިރިއެއް ލިބުމުން ކަމަށް މަލާލާ ބުންޏެވެ.
ޕާކިސްތާނަށް އުފަން 24 އަހަރުގެ މަލާލާ ކައިވެނިކުރީ އޭނާ މިހާރު ދިރިއުޅެމުން އަންނަ އިނގިރޭސިވިލާތުގައެވެ. މަލާލާ ކައިވެނިކޮށްފައި ވަނީ ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ މެނޭޖަރެއް ކަމުގައިވާ އަސީރު މާލިކްއާއެވެ.
"އަހަރެން އުޅުނީ ކައިވެނި ކުރުމާ ދެކޮޅަށް ނޫން، ކައިވެނި ކުރުމާ މެދު އަހަރެންގެ ކަންބޮޑުވުންތަކެއް އެބަހުރި، އަދި އެއީ ދުނިޔޭގެ ވަރަށް ގިނަ އަންހެން ކުދިންނަށް ވެސް ހަގީގަތެއް، ކުޑަކުދިންނާ ކައިވެނި ކުރުމާއި މަޖުބޫރުން ކައިވެނި ކުރުންފަދަ އެތައް ކަމެއް ދުނިޔޭގައި އެބަ ހިނގާ،" އޭނާގެ ކައިވެންޏާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެމުނުން ބީބީސީ ވަންގެ ދަ އެންޑްރޫ މާރް ޝޯގައި އެކްޓިވިސްޓް މަލާލާ ބުންޏެވެ.
މަލާލާ ބުނެފައި ވަނީ ކައިވެނި ވާން ޖެހޭނީ، ދެ ފަރާތުން ވެސް ހަމަހަމަ ގޮތެއްގައި ޤުރުބާނީވާ އަޙްދަކަށް ކަމަށާއި އެހެން ނަމަވެސް މިއަދުގެ ހާލަތުން ފެންނަނީ، ހަމައެކަނި އަންހެން މީހާގެ ޤުރުބާނީ ކަމަށެވެ. މިފަދަ ކައިވެނިތަކަށް އަދިވެސް ނުރުހޭ ކަމަށް ބުނަމުން މަލާލާ ބުނެފައި ވަނީ، އަންހެން ކުއްޖާގެ ޙައްޤުތަކަށް އިޙްތިރާމް ކުރާ ފިރިހެނަކު ލިބިއްޖެ ނަމަ ކައިވެނި ކުރުމާ އެއްވެސް އިރަކު ދެކޮޅަށް ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ.
މަލާލާއަށް ދުނިޔޭގެ ސަމާލުކަން ހުއްޓުނީ ޕާކިސްތާނުގައި އަންހެން ކުދިންނަށް ތައުލީމު ހޯދައިދިނުމަށް އޭނާ ކުރަމުން އައި މަސައްކަތާ ގުޅިގެން 2012 ވަނަ އަހަރު ތާލިބާނަށް ނިސްބަތްވާ ހަރުކަށި ބަޔަކު އޭނާއަށް ދިން ހަމަލާއާ ގުޅިގެންނެވެ.
މި ޝައިޠާނީ އަންހެނާއަށް ކާވެނީގެ އަރާމާއި ލައްޒަތު އިޙްސާސް ކުރެވުނީ ތޯއްޗެއް!