ޚަބަރު

ވިސާ ނުނަގާ އުމްރާއަށް ދެވޭ ގޮތަށް ހަމަޖައްސައިފި

އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށްދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭގޮތަށް ސައުދީ ސަރުކާރުން ނިންމާފައިވާކަން ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ އޮން އެރައިވަލް ވިސާގެ ހިދުމަތް ފެށުމާއެކު ދިވެހިން ސައުދީ އަށް ދަތުރު ފެށުމުގެ ކުރިން އޮންލައިންކޮށް އީ ވިސާ އަށް އެޕްލައި ކުރުމުގެ ފުރުސަތު ނުވަތަ ވިސާއާ ނުލައި ސައުދީ އަށް ދަތުރުކޮށް އެއާޕޯޓުން ވިސާ އަށް އެދުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

މި ވިސާގައި ސިންގަލް އެންޓީރީއެއްނަމަ އެއް މަސް ދުވަހުގެ މުއްދަތަށް ސައުދީގައި ހުރެވޭނެ ކަމަށާއި އަދި މަލްޓިޕަލް އެންޓްރީކޮށް އެއް އަހަރު ދުވަހުގެ ވިސާއެއް ނަގައިފިނަމަ އެ އަހަރުގެ ތެރޭގައި ސައުދީގައި ޖުމްލަ 90 ދުވަސް ހޭދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އަދި މި ބަދަލުގެ ސަބަބުން ވިސާ ފީ އަށް ދައްކަންޖެހޭ އަދަދު ލުއިވެގެންދާނެކަން ފާހަގަކުރައްވަމުން ޝާހިދު ވަނީ އުމްރާގެ އަޅުމަކާއި ފަތުރުވެރިކަމުގެ ބޭނުންތަކުގައި ސައުދީއަށް ދާ ދިވެހިން ވިސާނަގަން ނުޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

"އޮން-އެރައިވަލް ވިސާ ނަގަން ފެށޭނެ ތާރީހު ސައުދީ ސަރުކާރުން ލަހެއް ނުވެ އިއުލާން ކުރާނެކަން ވަނީ އަންގަވާފައި" ޝާހިދު ވިދާޅުވިއެވެ.

މިހާތަނަށް ސައުދީން އޮން-އެރައިވަލް ވިސާ ލިބޭ ގޮތަށް ކެޓެގަރީ "އޭ" ގެ ގޮތުގައި ހަމަޖައްސާފައިވަނީ 49 ގައުމު ކަމަށާއި މި ކެޓެގަރީގައި ރާއްޖެ ހިމެނުމާއެކު ރާއްޖެ ވެގެންދާނީ އޭޝިއާ ބައްރުން ސައުދީ އޮން-އެރައިވަލް ވިސާ ލިބޭ އަށްވަނަ ގައުމަށް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. މީގެއިތުރުން ދެކުނު އޭޝިއާ އިން ވެސް މި ފުރުސަތު ލިބޭ ހަމައެކަނި ގައުމަކީ ވެސް ރާއްޖެކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!