ސާރާ އަނެއްކާ ވެސް ރާއްޖޭގައި

ބޮލީވުޑްގެ ތަރިން ޗުއްޓީ ހޭދަ ކުރަން ރާއްޖެ އައުމަކީ އައު ކަމެއް ނޫނެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ތަރިންނަކީ ރާއްޖެއަށް ވަރަށް ގިނައިން ޒިޔާރަތް ކުރާ ބައެކެވެ. ބައެއް ތަރިން ޗުއްޓީއެއް ހަމަ ލިބުމާ އެކީ ލަސްތަކެއް ނުކޮށް ރާއްޖެއަށް އަންނަ ތަރިންނެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއް އެކްޓްރެސްއަކީ ޕަޓައުޑީ ޚާންދާނުގެ އަމީރާ، ސާރާ އަލީ ޚާންއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އިންޑިއާގެ ފަރުބަދަތަކާއި، ވާދީތަކަށް ޒިޔާރަތް ކުރުމަށް ފަހު، ސާރާ މި ވަގުތު ހުރީ ރާއްޖޭގައެވެ. އޭނާ ޗުއްޓީ ހޭދަ ކުރަމުން ދަނީ ޕެޓީނާ މޯލްޑިވްސް، ފަރި އައިލެންޑްސް ރިސޯޓުގައެވެ.
ރާއްޖޭގެ ރީތި މޫދާއި، ހިތް ގައިމު ޤުދުރަތީ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކެއް ސާރާ މިހާރު ވެސް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ސާރާ ރާއްޖެއަށް އައީ އޭނާގެ ދެ އެކުވެރިއަކާ އެއްކޮށެވެ.
މިއީ މި އަހަރު ސާރާ ރާއްޖެއަށް ޒިޔާރަތް ކުރި ތިންވަނަ ފަހަރެވެ. ކޮވިޑާ ގުޅިގެން މިދިޔަ އަހަރު އިންޑިއާގެ ބޯޑަރުތައް ބަންދު ކުރުމުގެ ކުރިން ވެސް ސާރާ ވަނީ ރާއްޖެއަށް ވަރަށް ގިނައިން އައިސްފައެވެ.
މަސައްކަތަށް ބަލާ އިރު، ސާރާ އެންމެ ފަހުން ފެނިފައި ވަނީ ވަރުން ދަވަންއާ އެކީ ކުޅެފައިވާ ކޫލީ ނަންބަރ 1އިންނެވެ.