ފިނޭންސް މިނިސްޓަރު ގޮވައިގެން ކޯޓަށް ދާނަން: އިދިކޮޅު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގާނޫނާ ހިލާފު ވެއްޖެކަމަށާއި އެހެންކަމުން އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ)ގެ ޕީޖީ ގްރޫޕުން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސް ކޮށްދީފައިވާ ބަޖެޓުން ހަރަދުތައް ހަމަނުޖެއްސިގެން އިތުރު ހަރަދުތައް ހަމަޖައްސަން 2.24 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފައި ވަނީ އެ ފައިސާ ހަރަދު ކުރުމަށް ފަހު ކަމަށެވެ.
"މިއަހަރަށް ފާސްކުރި 34.9 ބިލިއަން ރުފިޔާގެ ބަޖެޓު ހުސް ކުރުމަށް ފަހު ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމުގެ ކުރިން ދެ ބިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ. ހުއްދަ ނުދޭ ހަރަދެއް ކޮށްފައިވާކަން އެނގުނީ ބަޖެޓު މަޖިލީހަށް ހުށަހެޅުމުން،" މެމްބަރު ޝިޔާމް މިއަދު ވިދާޅުވިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް މީގެ އިތުރުން ވިދާޅުވީ އެގޮތަށް އަމަލު ކޮށްފައި އެވަނީ ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ނ)އާ ހިލާފަށް ކަމަށާއި އަހަރީ ބަޖެޓާ ބެހޭ މާއްދާގެ (ނ)ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ލިބިގެން ނޫނީ މަޖިލީހުން ފާސްކުރާ ބަޖެޓުގައި ކަނޑައަޅައިފައިވާ ފައިސާގެ އިތުރަށް ދައުލަތުން ހަރަދު ކޮށްގެން ނުވާނެ ކަމަށެވެ.