މުޅިން އަލަށް ބާއްވާ ގައުމީ ބިލިއާޑް މުބާރާތް އަންނަ މަހު
ގައުމީ ބިލިއާޑް މުބާރާތް އަންނަ މަހު ބާއްވަން މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން ތައްޔާރު ވެއްޖެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ނަން ނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ. މި ފުރުސަތު ހުޅުވައިލައިފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 8:00ގެ ނިޔަލަށެވެ.
އެމްޕީބީއޭ އިން ބުނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ނޭޝަނަލް ބިލިއާޑް ސެންޓަރުގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ.
މި މުބާރާތުގައި ވަނަވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅައިފައެވެ. އެގޮތުން ޓީމު އިވެންޓުގެ ޗެމްޕިއަނުންނަށް 30،000 ރުފިޔާ ހުށަހަޅައިފައިވެއެވެ.
ފިރިހެން ދެވަނަ ޑިވިޝަނާއި ޑަބަލްސް އިވެންޓުގެ ޗެމްޕިއަނަށް 10،000ރ. ދޭން ވަނީ ހަމަޖެހިފައެވެ. އަދި ފިރިހެން ފުރަތަމަ ޑިވިޝަނާއި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަށް 15،000ރ. ދޭން ވަނީ ނިންމައިފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ބިލިއާޑް މުބާރާތް ކުރިޔަށް ދާނީ މާލޭގައި ހުންނަ ނޭޝަނަލް ބިލިއާޑް ސެންޓަރުގައި އަންނަ ޑިސެމްްބަރު 1-15އަށެވެ.