ރައީސް ނަޝީދުގެ ވަގުތީ ގެކޮޅުގެ މަސައްކަތް ނިންމައި މަޖިލީހާ ހަވާލުކޮށްފި

ރައީސް ނަޝީދު ހުންނެވުމަށް ދައުލަތުން ހަމަޖައްސަވާ ވަގުތީ ގެކޮޅުގެ މަސައްކަތް ނިންމައި މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސް މަސައްކަތް ނިންމުމަށް ފަހު މަޖިލީހާ ހަވާލުކުރީ އިއްޔެއެވެ. އެ ގެ ހުންނަ ސަރަޙައްދު ވަނީ ރެޑް ޒޯނެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އެހެންކަމުން އެ ސަރަޙައްދުގައި ޕާކު ކުރުމާއި މަޑުކޮށްގެން ތިބުން މަނާވާނެއެވެ.
ރައީސް ނަޝީދު މިހާރު ހުންނެވީ މާލޭގައި ހުންނަ ހޮޓެލް ޖެންގައެވެ. އެ މަނިކުފާނު ހޮޓެލް ޖެންގައި ހުންނަވާ ގޮތަށް ދައުލަތުން ހަމަޖައްސައިފައި ވަނީ، އެމަނިކުފާނު އަވަހާރަ ކޮށްލަން މި އަހަރުގެ މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށް ޓަކައެވެ.
މި ހަމަލާއާ ގުޅިގެން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު، ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގައެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 8 މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރެއިން ވަނަވަރު ހާމަކޮށްފައި ވަނީ 4 މީހެއްގެއެވެ. އެ މީހުންނަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދުގެ އިތުރުން މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއެވެ.